ކ. މާލެ
|
22 ޖޫން 2020 | ހޯމަ 13:10
އިންޓަ އާއި ސަމްޕްޑޯރިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަ މޮޅުވީ 2-1 ން
އިންޓަ އާއި ސަމްޕްޑޯރިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަ މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
އެނބުރި އައި މެޗުން އިންޓައަށް މޮޅެއް
ސަމްޕްޑޯރިއާ އަތުން އިންޓަ މޮޅުވީ 2-1 ން
އިންޓަ އޮތީ ތާވަލުގެ ތިންވަނައިގައި 57 ޕޮއިންޓާއެކު

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ މެދުކެނޑުމަކަށްފަހު އިޓާލިއަން ލީގު އަލުން ފަށައި އިންޓަ މިލާން ކުޅުނު ފުރަތަމަ މެޗުން ސަމްޕްޑޯރިއާ އަތުން މޮޅުވެއްޖެއެވެ.

ކޮވިޑް-19 ށްފަހު ހޮނިހިރު ދުވަހުގެރޭ އިޓާލިއަން ލީގުގެ ކުޅުން އަލުން ފެށިއިރު، އާދީއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސަމްޕްޑޯރިއާ އަތުން އިންޓަ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އިންޓައިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސަންގެ އެހީއާއެކު އިންޓައަށް ލީޑު ނަގައިދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޮމެލޫ ލުކާކޫއެވެ.

އަދި އިންޓައިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކޮށްފައެވެ. މެޗުގެ 33 ވަނަ މިނެޓުގައި އެންޓޯނިއޯ ކަންދްރޭވާ ތަނަވަސްކޮށްދިން ފުރުސަތަކުން އިންޓައަށް ލީޑު ފުޅާކޮށްދިނީ ލަޓާރޯ މާޓިނޭޒްއެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ސަމްޕްޑޯރިއާއިން ފަރަގު ކުޑަކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މޯޓެން ތޯސްބީއެވެ.

މި މޮޅާއެކު ތާވަލުގެ ތިންވަނައިގައި އިންޓަ އޮތީ 26 މެޗުން 57 ޕޮއިންޓު ހަމަކޮށްގެންނެވެ. ތާވަލުގެ އެއްވަނައިގައި 26 މެޗުން 63 ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރު، ދެވަނައިގައި 26 މެޗުން 62 ޕޮއިންޓާއެކު އޮތީ ލާޒިއޯއެވެ.

އާދީއްތަ ދުވަހުގެރޭ އެޓަލާންޓާ ވަނީ އަމިއްލަ ދަނޑުގައި ސަސުއޮލޯ އަތުން 4-1 އިން މޮޅުވެ، ތާވަލުގެ ހަތަރުވަނައިގައި 26 މެޗުން 51 ޕޮއިންޓު ހަމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް