ކޮވިޑް-19 އަށް ފަހު އިގްތިސާދީ ހަރަކާތްތައް ފެށުމުގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ޖުލައި މަހު 16 ގައި ހުޅުވާލަން މަޝްވަރާ ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާ ގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ކޮރޯނާ ވައިރަހުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުމާ ކުރިމަތިލުމަށް "ނިއު ނޯމަލް" ގެ ތެރެއިން "ކޮވިޑް ފްރީޒޯން" އެއް ކަނޑައަޅައި، އިޤްތިޞާދީ ޙަރަކާތްތައް ހިންގޭނެ ގޮތަކަށް ޤައުމު ހުޅުވާ ލުމަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސް މަރުހަލާގައި މެމްބަރުން ދައްކަވަމުން ގެންދެވި ވާހަކަތަށް ރިޢާޔަތްކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބޯޑަރު ހުޅުވާލާނެ ވަކި ތާރީީޚެއް އަދި ކަނޑައެޅިފައިނުވާ ކަމަށެވެ.
އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ދުވަހަކީ 16 ޖުލައި. އެހެންނަމަވެސް އެކަން ކަނޑައެޅިގެން ނިންމާ ގޮތަކާއި އަދި ވަގުތުތަކެއް އެއީ ސަރުކާރުން ނިންމާނެ ނިންމުންތަކެއް.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ސަރުކާރުން ބުނެފައިވަނީ ޖުލައި މަސް ތެރޭގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާނެކަމަށެވެ. ނަމަވެސް ބޯޑަރު ހުޅުވާލާނެ ވަކި ތާރީޚެއް އަދި މިހާތަނަށް އައިއިރު ސަރުކާރުން ހާމަކޮށްފައެއްނުވެ އެވެ.
ހިތަދޫ މެދު ދާއިރާގެ މެމްބަރ އަހުމަދު ރަޝީދު ހުށަހަޅުއްވާފައިމިވާ ގަރާރަކީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތެއް ފަހިކުރުމުގެ ގޮތުން ދުނިޔޭގެ ގައުމުތަކުންވެސް އަމަލުކުރަން އަންނަ ފަދައިން ރާއްޖެއިންވެސް ސިއްހީ ރައްކާތެރިކަމުގެ ބަންދަށް ލުޔެއް ގެނެސް އިގްތިޞާދީ ހަރަކާތްތައް ވަކި ހަމަތަކެއްގެ މަތިން ހުޅުވާލަންޖެހޭ ކަމަށް ގަބޫލުކުރެވޭތީ ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުމުގެ މަގްސަދުގައި ހުށަހަޅާފައިވާ ގަރާރެކެވެ.
މިގަރާރު ހުށަހަޅުއްވަމުން އަހުމަދު ރަޝީދު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ މިންވަރު އިންތިހާއަށް މަތިވެ އާމްދަނީ ލިބުމުގެ ކުރިމަގު ބަނަވެފައިވާ މިދަނޑިވަޅުގައި ބުއްދީގެ ބޭނުންކޮށްގެން ރޭވުންތެރިކަމާއެކު ރާއްޖޭގެ ތިން ސަރަހައްދެއް އިގްތިޞާދީ ގޮތުން ހުޅުވާލުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.
ގަރާރަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ ގަރާރަށް ތާއީދުކުރައްވާ ވާހަކަ ދައްކަވާފަ އެވެ. ދައުލަތުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ އާންމު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށް ކަމަށާއި އެކަމަކު އޭގެ ސަބަބުން އިގްތިސާދީ ހަރަކާތްތައް ހުއްޓި، ދައުލަތުގެ އާމްދަނީ ދަށްވެގެން ދާތަން ބަލަން އަބަދު ނުތިބެވޭނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ.