ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑް ބަލިކޮށް ތާވަލުގެ އެއްވަނައަށް ރެއާލް މެޑްރިޑް ޖެހިލައިފިއެވެ.
ސޮސިއެޑާޑްގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ރެއާލުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ރެއާލުން މޮޅު އެޓޭކިންގ ގޭމެއް ކުޅުނުއިރު، ރެއާލުން ވަނީ ސޮސިއެޑާޑްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ރެއާލްގެ ވިނީޝިއަސް ޖޫނިއާ އާއި ކަރިމް ބެންޒެމާ ވަނީ ސޮސިއެޑާޑްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފުރަތަމަ ހާފުގައި ފޮނުވާލާފައެވެ. މި ހަމަލާތަކުގެ ހުރަހަކަށްވީ ސޮސިއެޑާޑްގެ ގޯލްކީޕަރެވެ.
ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުތަރޭގައި ރެއާލްގެ ވިނީޝިއަސްއަށް ސޮސިއެޑާޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ރެއާލަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ރެއާލްގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. މި ލަނޑާއެކު ރާމޯސް ވަނީ ސްޕެނިޝް ލީގުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ޑިފެންޑަރުގެ ޝަރަފު ހޯދާފައެވެ. ރާމޯސް ވަނީ މިހާތަނަށް ސްޕެނިޝް ލީގުގައި 68 ލަނޑު ކާމިޔާބުކޮށްފައެވެ.
ރާމޯސްގެ ލަނޑާއެކު ސޮސިއެޑާޑުން އެޓީމުގެ ކުޅުން ރަނގަޅުކޮށް ރެއާލްގެ ހާފަށް ވަނީ ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 68 ވަނަ މިނެޓުގައި އެދުނާން ޔަނޫޒާއި ސޮސިއެޑާޑަށް ލަނޑެއް ޖަހައިދިން ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމުގައި ނިންމާފައެވެ.
އޭގެ ދެ މިނެޓު ފަހުން ރެއާލަށް ލީޑު ފުޅާކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް ކަރިމް ބެންޒެމާއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ފެޑެރިކޯ ވަލްވާޑޭގެ އެހީތެރިކަމާއިއެކުގައެވެ.
މެޗުގައި ސޮސިއެޑާޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިކޭލް މަރީނޯއެވެ.
މި ނަތީޖާއާއެކު ރެއާލުން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލީ ކުރިން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާ އާއި ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް ހެޑް ޓު ހެޑްއިން ކުރި ހޯދައިގެންނެވެ. ބާސާ އަދި ރެއާލަށްވެސް 30 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ. ލީގު ތާވަލުގެ ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 30 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ.