ކޮވިޑް-19 އާ ގުޅިގެން މިއަހަރު ހައްޖުގެ އަޅުކަމަށް ސައުދީން އަރަބިއްޔާއިން ވަކި މިންވަރަކަށް ފުރުސަތު ދޭން ނިންމާފައިވާއިރު، ތައްޔާރުވަމުންދަނީ އެންމެ ފަހުވަގުތުވެސް ފުރުސަތު ލިބިއްޖެނަމަ ހައްޖަށް މީހުން ފޮނުވުމަށް ކަމަށް އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ އެޖެންޑާގެ ދަށުން މިއަހަރު ހައްޖަށް މީހުން ފޮނުވުމުގެ ކަންކަން ހަމަޖެހިފައިވަނީ ކިހިނެއްތޯ މެމްބަރަކު ސުވާލުކުރެއްވުމުން އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އިންތިޒާރު ކުރަމުންދަނީ މިއަހަރުގެ ހައްޖާ ގުޅޭގޮތުން ސައުދީ އަރަބިއްޔާއިން ގޮތެއް ނިންމަވާގޮތަކަށް ކަމަށެވެ. އަދި އެންމެ ފަހުވަގުތުވެސް ފުރުސަތު ލިބިއްޖެނަމަ ހައްޖަށް މީހުން ފޮނުވާނެކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވި އެވެ.
އެފުރުސަތު ލިބިއްޖެނަމަ އެކަން ކުރުމަށް މިނިސްޓްރީން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ހައްޖަށް މީހުން ގްރޫޕްތައް މެދުވެރިކޮށް ފޮނުވުމަށް ބިޑަށް ހުޅުވާލައިގެން ބިޑްތައް ލިބި އެވަލުޔޭޓްކުރުމުގެ މަރުހަލާ މިހާރު ކުރިޔަށް ގެންދާކަމަށެވެ.
އެހެންނަމަވެސް އަޅުގަނޑަށް ގަބޫލުކުރެވެނީ އެންމެ ފަހު ވަގުތު އަދިވެސް ލަސްވެއްޖެ ކަމަށްވަނީނަމަ ގްރޫޕްތަކަށް ގެންދަން ތަންކޮޅެއް އުނދަގޫވާނެކަމަށް. އެކަމަކުވެސް އަޅުގަނޑުމެން މަޝްވަރާކުރާނަން އެބޭފުޅުންނަށް ގެންދެވިދާނެތޯ. މިހާރުވެސް ހައްޖު ކޯޕަރޭޝަންގައި ލިސްޓެއްވެސް އެބައިން ފައިސާ ދައްކާފައި އެލިސްޓަށްވެސް އަޅުގަނޑުމެންނަށް ކުރިޔަށް ގެންދެވިދާނެ. އެހެންވީމާ އަޅުގަނޑުގެ ވިސްނުން މިހުރީ ގްރޫޕްތަކާވެސް ވާހަކަ ދައްކައިގެން އެބޭފުޅުން ނުގެންދެވިއްޖެ ކަމަށްވަނީނަމަ ދެން ހައްޖު ކޯޕަރޭޝަންގެ ބޭފުޅުން ލައްވާ އެމަސައްކަތްކުރާ ގޮތަށް.އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޒާހިރު
މިނިސްޓަރ ވިދާޅުވީ އުންމީދުކުރައްވަނީ މިކަމުގައި ސައުދީ އަރަބިއްޔާއިން ވީ އެންމެ އަވަހަކަށް ގޮތެއް ނިންމަވާނެ ކަމަށެވެ.
ކޮވިޑް-19 ސައުދީ އަރަބިއްޔާގައި އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން ތިން މަސްދުވަހުގެ މުއްދަތަށް މިސްކިތްތައް ބަންދުކޮށްފައި ބެހެއްޓުމަށްފަހު ވަކި އުސޫލުތަކެއް އެކުލަވާލުމަށްފަހު ވަނީ މިސްކިތައް އަލުން ހުޅުވާލާފަ އެވެ. އަދި ވައިރަސް ފެތުރެމުންދާތީ ސައުދީން ވަނީ އުމްރާގެ އަޅުކަމަށްވެސް މީހުން އެގައުމަށް އެތެރެވުން ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. ސައުދީ އަރަބިއްޔާގައި ލައްކައަކަށްވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ.