ކާބޯތަކެތި ވިއްކާ މާރުކޭޓްތައް އަލުން ހުޅުވާލާއިރު ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމު ހަމަޖައްސަންޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 އާ ގުޅިގެން ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ބަލި ފެތުރުން މަދުކުރުމަށްޓަކާ ރައްކާތެރިކަމަުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަމަލުކުރަންވީ ގޮތުގެ އުސޫލުގައި ބުނެފި އެވެ.
މިއުސޫލުގައި ވަނީ މާރުކޭޓަށް ވަންނަ ކަސްޓަމަރުން މަދުވެގެން 3 ފޫޓޫގެ ގައިދުރުމިން ބެހެއްޓޭނެ އިންތިޒާމް ތަނުގައި ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އަދި މާރުކޭޓުގައި މަސް ބަންދުކުރުން ފަދަ ކަންކަން ނުކުރުމަށް ވަނީ އުސޫލުގައި ބުނެފަ އެވެ.
މިއުސޫލުގައި މާރުކޭޓްގައި މަސައްކަތްކުރާ މުވައްޒަފުން ވަކި ކަންތައްތަކަށް އަމަލުކުރޭތޯ ކަށަވަރު ކުރަންޖެހެ އެވެ. އޭގެތެރޭގައި ހިމެނެނީ ގިނަގިނައިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ހޭންޑް ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމާއި ކޮވިޑް-19ގެ އެއްވެސް ޢަލާމާތެއް ހުންނަނަމަ މަސައްކަތަށް ނުނިކުތުމަށް ވަނީ ބުނެފަ އެވެ. އަދި ފްލޫ ކްލިނިކަށް ދެއްކުމާއެކު ސުޕަވައިޒަރަށް އަންގަންވެސް ވާނެ އެވެ.
މީގެއިތުރުން މާރުކޭޓު ގޮޅީގައި ހޭންޑް ސެނިޓައިޒަރ ލިބޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭއިރު ތަކެތީގައި އަތްލުން ވީހާވެސް މަދުކުރުމާއި އަތް ރަގަޅަށް ސާފުކޮށްގެން މެނުވީ ތަކެތީގައި އަތް ނުލުމަށް އުސޫލުގައި ބުނެފައިވެއެވެ. ކަސްޓަމަރު ގަންނަން ބޭނުންވާ ތަކެތީގައި މެނުވީ އަތް ނުލުމަށް ބާރުއެޅުމަށްވެސް އުސޫލުގައި ބުނެފައިވެ އެވެ.
މަސައްކަތުގަޑީގައި އެއްވެސް މުވައްޒަފެއްގެ ފަރާތުން ކޮވިޑް-19ގެ ޢަލާމާތެއް ފެނިއްޖެނަމަ ވަގުތުން 1676 އަށް ގުޅާ އެޗް.ޕީ.އޭ. އަށް އެންގުމަށް އުސޫލުގައި ބުނެފައިވެ އެވެ. އަދި އެމީހަކު ފްލޫ ކްލިނިކަށް އަވަހަށް ފޮނުވުމާއި އަދި ޖެހިފައިވާ މީހެއްގެ ކޮންޓެކްޓަށް ވެއްޖެނަމަ އެމީހަކު މަސައްކަތަށް ނުނިކުތުމާއި މިމައުލޫމާތު އެޗް.ޕީ.އޭ. އާއި ހިއްސާ ކުރުމަށް އުސޫލުގައި ބުނެފައިވެ އެވެ.
މީގެއިތުރުން ފައިސާ ބަލައި ގަތުމުގައި ވީވަރަކުން ކޭޝްލަސް ޕޭމަންޓް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް މިއުސޫލުގައި ބުނެފައިވެ އެވެ.