ރާއްޖޭގައި މާޗު މަހުގެ ތެރޭގައި ފެތުރުނު އިންފްލުއެންޒާ އެޗްވަންއެންވަންއާ ގުޅިގެން އާއްމުކޮށް އެންމެންނަށް ވެކްސިން ޖެހޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ކުރިން ކަނޑައަޅާފައިވާ ފަރާތްތައް ފިޔަވާ އެހެން ފަރާތްތަކަށް ވެކްސިން ޖެހޭނީ ދަމަނަވެއްޓާއި ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން ވިލިމާލޭ ހޮސްޕިޓަލާއި ސެނަހިޔާގެ އިތުރުން މޯލްޑިވިއަން ބްލަޑް ސަރިވިސްއިން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މީގެ އިތުރުން، އެކި ސަބަބުތަކާ ގުޅިގެން ގުނަވަން ބަދަލުކޮށްފައިވާ ފަރާތްތަކާއި، ކެންސަރު ބައްޔަށް ފަރުވާ ދެމުންދާ ފަރާތްތަކާއި ނޭވާލާ ނިޒާމްގެ ބައްޔަކަށް ފަރުވާ ދެމުންދާ އުމުރުން ތިން އަހަރުން މަތީގެ މީހުންނަށާއި ޑައިލަސިސް ހަދާ ފަރާތްތަކާއި އުމުރުން 65 މަތީގެ މީހުންނާއި 6 މަހާއި 6 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ވެކްސިން ދިނުން ދަމަނަ ވެއްޓާއި އޭޑީކޭ ހޮސްޕިޓަލުގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސެނަހިޔާގެ އިތުރުން މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ވެކްސިން ދިނުމުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފަ އެވެ. މާބަނޑު މީހުންނަށް ވެކްސިން ދިނުން އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން ސެނަހިޔާ އާއި މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި ކުރިއަށްދާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ވެކްސިން ޖަހައިދޭ ތަންތަނުން ދުވާލަކު ދޫކުރާ ނަންބަރުގެ ތަފްސީލު ވެސް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ދަމަނަ ވެށީގައި ހެނދުނު 08:15 އިން ފެށިގެން މެންދުރު 13:00 ކުރިއަށްދާ އިރު މޯލްޑިވިއަން ބްލަޑް ސަރވިސް އިން ހެނދުނު 09:00 އިން މެންދުރު 12:00 އަށް އަދި ހަވީރު 16:00 އިން 18:00 އަށް ވެކްސިން ޖަހާދިނުން ކުރިއަށްގެންދާނެ އެވެ.
އައިޖީއެމްއެޗުގައި މާބަނޑު މީހުންނަށް ވެކްސިން ދިނުން ހެނދުނު 10:00 އިން 14:00 އަށް އަދި ހަ މަހާއި ތިން އަހަރާއި ދެމެދުގެ ކުރިންނަށް ވެކްސިން ދިނުން، 14:00 އިން 17:00 އަށް ކުރިއަށްދާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އޭޑީކޭގައި ވެކްސިން ދިނުން، މެންދުރު ފަހު 17:00 އިން ރޭގަނޑު 20:00 ކުރިއަށްދާ އިރު ވިލިމާލޭގައި ވެކްސިން ދިނުން މެންދުރު 14:00 އިން 16:00 އަށް ކުރިއަށްދާނެ އެޗްޕީއޭ އިން ބުނެ އެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ދިނުން ކުރިއަށްދާނީ މެންދުރު ހެނދުނު 08:30 އިން މެންދުރު ފަހު 15:00 އަށެވެ.
މީގެ އިތުރުން ސެނަހިޔާގައި ހެނދުނު 09:00 އިން 14:00 އަށް އިންފްލުއެންޒާ ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
އޭޑީކޭ ފިޔަވައި ވެކްސިން ދޭ އެހެން މަރުކަޒުތަކުން 140 ރުފިޔާއަށް ވެކްސިން ޖަހައިދޭ އިރު އޭޑީކޭގައި ވެކްސިން ޖަހައިދެނީ 163ރ. އަށެވެ.
ރާއްޖޭގައި ފެތުރެމުންދިޔަ ރޯގާއާގުޅިގެން މިއަހަރުގެ މިހާތަނަށް 170،000 އަށް ވުރެ ގިނަ އިންފްލުއެންޒާ ވެކްސިން ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް އެޗްޕީއޭ ބުނެ އެވެ. މިދިޔަ ހަފްތާގެ ތެރޭގައި 750 ވެކްސިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދީފައިވާ ކަމަށާއި އެ ވެކްސިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދެވިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.