ކޮވިޑް-19 އާ ގުޅިގެން ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ބަލި ފެތުރުން މަދުކުރުމަށްޓަކާ ރައްކާތެރިކަމަުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަމަލުކުރަންވީ ގޮތުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.
މިއުސޫލުގައި ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާތަކުގެ ތެރޭގައި ހިމަނާފައިވަނީ ކާބޯތަކެތި އުފައްދާ ތަންތަނާއި، ހޮޓާ، ކެފޭ ރެސްޓޯރެންޓާއި ކާބޯތަކެތި ޑެލިވަރީ ކުރުމާއި ކާބޯތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމާއި ކާބޯތަކެތި ރީޓެއިލް ކުރުމާއި ކާބޯތަކެތި ވިއްކާ މާރުކޭޓްތަކާއި ކެންޓީނުތަކެވެ. މިއިން ކޮންމެ ދާއިރާއެއްގައި އަމަލުކުރަންވީ އުސޫލުތައް ވަކިވަކިން ވަނީ ބަޔާންކޮށްފަ އެވެ.
މިއުސޫލުގައިވާ ގޮތުން ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކަމާގުލޭ އިދާރާތަކުގެ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ހުއްދަ އޮތްތޯ ކަށަވަރުކުރަން ޖެހޭނެ އެވެ. އަދި ނެތްކަމުގައިވާނަމަ ކަނޑައަޅާފައިވާ އުސޫލުން ހުއްދަ ނެގުމަށްފަހު ޚިދުމަތް ފޯރުކޮށްދޭންޖެހޭނެ އެވެ. މީގެއިތުރުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަން ބަންދުކޮށްފައި ބެހެއްޓުމަށްފަހު އަލުން ހުޅުވާނަމަ ތަނުގައި ޕެސްޓް ކޮންޓްރޯލް ކުރުމާއި މުޅިތަން ރަނގަޅަށް ސާފުކޮށް ޑިސްއިންފެކްޓް ކުރަންޖެހޭނެ އެވެ. އަދި އާންމު ހާލަތަށް ރުޖޫޢުވުމުގައި ތަނުގައި މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ޕްލޭނެއް ހަދަންޖެހޭނެ އެވެ.
މީގެއިތުރުން ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މުވައްޒަފުން މަސައްކަތުގައި އުޅޭއިރު އަމަލުތައް ބަހައްޓަންވީ ގޮތުގެ މައުލޫމާތު ފެންނަ ގޮތަށް ބަހައްޓަންޖެހޭނެ އެވެ. އަދި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ކޮވިޑް-19 އާއި ގުޅޭގޮތުން މައުލޫމާތުދީ ތަމްރީންކުރަން ޖެހޭނެ އެވެ. އަދި މަދުވެގެން 3 ފޫޓްގެ ގައިދުރުމިން ބެހެއްޓޭނެ ގޮތަށް މުވައްޒަފުންގެ މަސައްކަތުގެ ތާވަލް ހެދުމަށްވެސް މިއުސޫލުގައި ބުނެފައިވެ އެވެ.
މުވައްޒަފުން އެކަކު އަނެކަކާ ކޮންޓެކްޓްވުން މަދުކުރުމަށްޓަކައި މަސައްކަތުގެ ގަޑިތަކަށް ބަދަލުގެނައުމާއި ޚިދުމަތް ފޯރުކޮށް ދިނުމުގައި މުވައްޒަފުން މަދުކުރަންޖެހޭ ހާލަތްތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލިގެންނުދާގޮތަށް ކަންކަން ރޭވުމަށް މިއުސޫލުގައި ބުނެފައިވެ އެވެ.
ކޮވިޑް-19 ގެ އަލާމާތެއް ހުރިނަމަ ނުވަތަ ރޯގާޖެހި ކެއްސާނަމަ މަސައްކަތަށް ނުނިކުތުމާއި ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެފައިވާ މީހުން މަސައްކަތަށް ނުނިކުތުމަށް ވަނީ އުސޫލުގައި ބުނެފަ އެވެ. އަދި އެކަހެރިވެހުރެ ސުޕަވައިޒަރަކަށް އަދި ކަމާބެހޭ ފަރާތަށް އަންގާ މައުލޫމާތު ދޭންޖެހެ އެވެ. ތަނުގައި މަސައްކަތްކުރާ އެންމެންގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އަޅައިގެން ތިބުމާއި މާސްކު ބޭނުންކުރުމުގައި އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށް ވަނީ ބުނެފަ އެވެ.
ކާބޯތަކެތީގެ މަސައްކަތްކުރާ ތަންތަނުގައި ތަނަށް ޒިޔާރަތްކުރާ ފަރާތްތަކާއި ކަސްޓަމަރުން އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ފެންނަ ގޮތަށް ބަހައްޓަންޖެހޭނެ އެވެ. އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި އާންމު ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމު ހަމަޖައްސަންޖެހޭނެ އެވެ. އަދި އަތްދޮވުމަށް ސައިބޯނި ފަދަ ތަކެތި މެދުނުކެނޑި ލިބެންހުންނަންޖެހޭނެ އެވެ.
މީގެއިތުރުން ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ޝީޝާ އަދި ވޭޕް އަދި އީ ސިނގިރޭޓްވެސް ހިމެނޭގޮތަށް ދުންފަތުގެ އިސްތިއުމާލް ކުރުމަކީ މަނާކަމެކެވެ.