މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ޤާއިމު ކޮށްފައިވާ "ބަނޑޭރި ޕޭ" އޮންލައިން ޕޯރޓަލް މެދުވެރިކޮށް ޝަރުއީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކަށް ދައްކަންޖެހޭ ފައިސާ ދެއްކޭގޮތް ހަމަޖައްސައިފިއެވެ.
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުގެ މުއައްސަސާތަކަށް ދައްކަންޖެހޭ ފައިސާ، ފަސޭހަކަމާއެކު ދެއްކުމަށް "ބަނޑޭރި ޕޭ" ގެ ނަމުގައި އޮންލައިން ޕޭމަންޓްޕޯރޓަލްއެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ޤާއިމު ކޮށްފައިވާ ކަމަށާއި، މި ޕޯރޓަލް މެދުވެރިކޮށް ޝަރުޢީ ދާއިރާއަށްވެސް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
ޑީޖޭއޭއިން ބުނީ، ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހުމާއެކު، ޝަރުޢީ ދާއިރާއަށް ދައްކަން ޖެހޭ ފައިސާ، ބޭންކް އެކައުންޓަށް ބަލައިގަތުން 2020 ޖޫން 30 ގެ ފަހުން ހުއްޓާލާނެ ކަމަށެވެ. އަދި ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކަށް ދައްކަންޖެހޭ ފައިސާ "ބަނޑޭރި ޕޭ" ލިންކް މެދުވެރިކޮށް ދެއްކުމަށް ޑީޖޭއޭއިން އެދިފައިވެއެވެ.
އޭގެ އިތުރުން، ދައްކަން ޖެހޭ ފައިސާއާ ބެހޭ ގޮތުން މައުލޫމާތު ސާފު ކުރެއްވުމަށް އެ ތަނަކުން މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ފޯނު ނަންބަރެއް ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފު ކުރެވޭނެކަން ޑީޖޭއޭއިން ފާހަގަ ކޮށްފައިވެއެވެ.