ގދ. އަތޮޅުން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފިއެވެ.
އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު، ގުރުގުރާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައިވަނީ ހޮނިހިރު ދުވަހުގެ 00:45 ން 05:45 އަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނިގޮތުގައި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުމަކީ އެކަށީގެންވާ ކަމެކެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު 6:00 ށް މޫސުން ލަފާކޮށް އެ އިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނިގޮތުގައި މެދު ރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ދެކުނު އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. ވިލާ ގަނޑުގައި ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވެގެންދާނެ ކަމަށާއި ރާޅު އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާޢި ދެމެދު ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.