ގއ މާމެންދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ އެއް ފްލައިޓެއްގައި 40 މީހުން ދަތުރު ކޮށްފައިވާ ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)އިން ބުނެފިއެވެ.
ބުރާސްފަތި ދުވަހުގެރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، ގއ މާމެންދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އަކީ މާލެއިން އެނބުރި އެ ރަށަށް ގޮސް ހޯމް ކަރަންޓީންގައި ހުރި މީހެއް ކަމަށެވެ. އެގޮތުން އޭނާ މާލެއަށް ދަތުރު ކޮށްފައިވަނީ މެއި މަހުގެ 31 ވަނަ ދުވަހު ކަމަށާއި، އޭރު ދަތުރުކޮށްފައި ވަނީ ސިއްހީ ބޭނުމެއްގައި މީހެއްގެ އެހީތެރިއެއްގެ ގޮތުންކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.
މަބްރޫކު ވިދާޅުވީ، މާލެ އައުމަށްފަހު، އާއިލާގެ އިތުރު 2 މީހަކާއެކު އޭނާ ހުރީ ގެސްޓްހައުސްއެއްގައި ކަމަށެވެ. އަދި ޖޫން މަހުގެ 6 ވަނަ ދުވަހު ކޮވިޑް-19 ގެ ޓެސްޓެއް އޭނާ ހަދާފައިވާ ކަމަށާއި، ނަމަވެސް އޭރު ނަތިޖާ ނެގެޓިވްކަމަށް މަބްރޫކު ވިދާޅުވިއެވެ.
އޭގެ އިތުރުން، އެމީހާ އަނބުރާ ރަށަށް ގޮސްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ކޫއްޑޫ މަގުން ކަމަށާއި، އޭރުވެސް ދަތުރު ކޮށްފައިވަނީ އާއިލާގެ އިތުރު 2 މީހުންނާއެކު ކަން މަބްރޫކު ފާހަގަ ކުރެއްވިއެވެ. އަދި އޭނާއާއެކު ކޫއްޑޫއަށް ދަތުރުކުރި ފްލައިޓްގައި 40 މީހުން ދަތުރު ކޮށްފައިވާކަން އެނގިފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ފްލައިޓުގައި ބާކީ ތިބި މީހުންނަކީ ގެމަނަފުށީ މީހުން ކަމަށެވެ.
މި ކޭސްއާ ގުޅިގެން ގއ ގެމަނަފުއްޓާއި މާމެންދޫގައިވެސް ކޮންޓެކްޓް ޓްރޭސިންގ ކުރިއަށްދާކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި އިތުރު ފިޔަވަޅެއް އެޅުމަށް ނިންމާނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުންކަން މަބްރޫކު ފާހަގަ ކުރެއްވިއެވެ.
މާމެންދޫއިން ޕޮޒިޓިވްވި މީހާ ބަލީގެ އަލާމަތްތައް ހުރެގެން ރިޕޯޓް ކޮށްފައިވަނީ މިހިނގާ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. އަދި އެ ދުވަހު އޭނާގެ ސާމްޕަލް ނެގިފައިވާ ކަމަށާއި، އޭނާގެ ސާމްޕަލް މާލެ ގެނެވިފައިވަނީ 15 ވަނަ ދުވަހު ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި ނަތީޖާ ޕޮޒިޓިވްވަކަން އެނގިފައިވަނީ ބުރާސްފަތި ދުވަހުކަން މަބްރޫކު ފާހަގަ ކުރެއްވިއެވެ.