ކުށްކުރާ މީހުންނަށް ފިޔަވަޅު އެޅުމަށް ޖިނާއީ އަދުލުގެ ނިޒާމު ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި، ކުށްކުރާ މީހުންނަށް ބޭނުންހާ އެއްޗެއް ނުހެދޭނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޕީޖީ ޝަމީމް ވިދާޅުވީ މައްސަލަ ތަހުގީގު ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމެއް ކަމަށާއި، މިހާރު ގާނޫނު އަސާސީ ބައްޓަން ވެފައި އޮތް ގޮތުންނާއި ނިޒާމު ތަރުތީބުވެފައިވާ ގޮތުން ޖިނާއީ މައްސަލައެއް ސާބިތު ކުރުމުގެ ޒިންމާ މިއޮންނަނީ ދައުލަތަށް ކަމަށެވެ. އެހެންކަމުން މައްސަލަ ތަހުގީގު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ކުޑަ ކުދިންނާ މެދު ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި ލަސްވާ ސަބަބުތަކަށް އަލިއަޅުއްވާލައްވާ ޕީޖީ ޝަމީމް ވިދާޅުވީ ސައިކޮލޮޖިސްޓް ރިޕޯޓުތައް ބޭނުންވާ ކަމަށެވެ. އަދި ޑޮކްޓަރުގެ ފަރުވާތަކާއެކު ކުރިއަށް ގެންދާ ތަހުގީގުތަކަށްވާތީ ލަސްތަކެއް ކުރިމަތިވާ ކަމަށާއި، ދަތުރުފަތުރުގެ ސަބަބުން ވެސް ލަސްތައް ކުރިމަތިވާ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޕީޖީ ޝަމީމް ވިދާޅުވީ އިއުތިރާފް ނޫން ގޮތްގޮތުން ވެސް ސާބިތު ކޮށްދޭން ޖެހޭ ކަމަށެވެ. އެއީ އެހީގެ މައްޗަށް ބިނާކޮށް މައްސަލަ ސާބިތުކޮށްދިނުން ކަމަށް ޕީޖީ ވިދާޅުވިއެވެ.
އެހެންވީމަ ވާގޮތަކީ ވަރަށް ގިނަ ފަހަރު މިސާލަކަށް ކުޑަ ކުދިންނާ މެދު ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި ލަސްތަކެއް ހުންނާނެ. އެލަސްތައް އެހުންނަނީ ސައިކޮލޮޖިސްޓް ރިޕޯޓެއް ބޭނުންވޭ. ސައިކޭރިސްޓެއްގެ ރިޕޯޓެއް އެބަ ބޭނުންވޭ. އެކުއްޖާ ޑޮކްޓަށް ދައްކައިގެން މިސާލަކަށް ޚާއްސަކޮށް ކުޑަ ކުދިންގެ މައްސަލަތައް އެއްދުވަހަކުން ދެދުވަހަކުން ނެތް އެކުއްޖާގެ ސައިކޮލޮޖިކަލް ރިޕޯޓެއް ނުލިބޭނެ. އެކުއްޖާއާ އެތައް ފަހަރަކު އިންޓަވިއު ކޮށްގެން އެކުއްޖާއަށް ނަފްސާނީ ގޮތުން އެފަރުވާ ދީގެން އެކުއްޖާ ބުނާ އެއްޗެއް ހޯދައިގެން މިރިޕޯޓު މިހަދަން ޖެހެނީ. އެހެންވީމަ އަޅުގަނޑުމެން މިއުންމީދު ކުރާ ބާރަށް އެކަމެއް ނުހިނގާނެ. އެއީ ތޮބީއީ ކަމެއް. ދެން އަމުދުން މިދިޔަ ލޮކްޑައުންގެ ތެރޭގައި މިހުށަހެޅުނު މައްސަލަތަކަށް ބަލާއިރު ވެސް މިދަންނަވާހެން ރިޕޯޓުތައް ހޯދުމާ މިކަންކަމުގައި ޑޮކްޓަރުންގެ ރިޕޯޓު ހޯދުމާ މިކަންކަމުގައި ލަސްތަކެއް އެބަވޭ. އަދި ދަތުރުފަތުރުގެ ކަންތައް ހުރި ގޮތުން ވެސް ލަސްތަކެއް އެބަވޭ. އެހެންވީމަ އޭގެ ކޮންމެވެސް ވަރެއްގެ ލަސްތަކެއް އުޅޭނެ.ޕީޖީ ހުސައިން ޝަމީމް
ލަސްތައް ދިމާވާ މައްސަލަތައް ހޯދުމުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރައްވައި ޕީޖީ ޝަމީމް ވިދާޅުވީ ލަސްވާ ދިމަދިމާލުން މައްސަލަތައް އަވަސް ކުރެވޭތޯ ބަލާ ކަމަށެވެ. ޕީޖީ ޝަމީމް ވިދާޅުވީ ކުށްކުރާ މީހުންނަށް ސަކަރާތް ޖަހާފަ ބޭނުންވާ އެއްޗެއް ހަދާފަ ނޫޅެވޭނެކަން އެމީހުންނަށް ވެސް މިހާރު އެނގޭނެ ކަމަށެވެ.
އަޅުގަނޑުމެންގެ ޖިނާއީ އަދުލުގެ ނިޒާމު އެއަށްވުރެ ތައްޔާރަށްށޭ އޮންނާނީ އެމީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅަން. އަޅުގަނޑުމެން ފުލުހުންނާ އެއްކޮށް މަސައްކަތް ކުރަނީ ފުލުހުންގެ އެފްސީޕީޑީން ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ. ގާތްގަނޑަކަށް ހުރިހާ މައްސަލައެއްގައި ވެސް މިހާރު ޕްރޮސެކިއުޓަރުންނާއެކު އެއްކޮށް އެމަސައްކަތް ކުރައްވަނީ. އަޅުގަނޑުމެން ބޭނުންވާ މައުލޫމާތު ހޯދަވައި ދެއްވަން ފުލުހުން އެބަ މަސައްކަތް ކޮށްދެއްވާ. އެހެންވީމަ މަސައްކަތް އެބަ ބާރަށް ކުރިއަށްދޭ. ދެން އަޅުގަނޑުމެން ހަމައެކަނި ފުލުހުންގެ ތަހުގީގަކަށް ނޫން އަޅުގަނޑުމެން ވެސް އޭގެ ތެރޭގައި ބައިވެރިވެގެން މިމަސައްކަތް މިކުރަމުން މިދަނީ. އެހެންވީމަ ނަތީޖާތަކެއް އަޅުގަނޑުމެންނަށް ނެރެވޭނެ.ޕީޖީ ހުސައިން ޝަމީމް
ޕީޖީ ޝަމީމް ވިދާޅުވީ ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކުއްލިއަކަށް ނުނެރެވޭނެ ކަމަށާއި، އުންމީދު ކުރަނީ ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ނަތީޖާތަކެއް ނެރެވޭނެ ކަމަށެވެ.
އެގޮތުން ކުޑަ ކުދިންނާމެދު ޖިންސީ އަމަލުތައް ހިންގާ މީހުން މައްސަލަތައް އަވަސް ކުރުމަށް ކޯޓުންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ރައްޔިތުންގެ މަޖިލީހުން ބާރު އަޅާގެން މަސައްކަތްތަކެއް ކުރަމުންދިޔަ ކަމަށެވެ. މިމަސައްކަތުގެ ތެރެއިން ލޮކްޑައުންއާ ގުޅިގެން ވެސް ލަސްތަކެއް ކުރިމަތިވި ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. ނަމަވެެސް މިހާރު ޝަރީއަތްތައް އަވަސް ކުރުމަށް ބްލޮކް މޯޑްގައި ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
މިހުށަހަޅާ މިނިޒާމަކީ ޔުނިވާސިޓީތަކުގައި ވެސް މިބްލޮކް މޯޑްގައި މިކިޔަވާ ދެވޭ ގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދަން. ބްލޮކް މޯޑަށްށޭ މިދަންނަވަނީ އެމީހެއްގެ ޝަރީއަތް ފަށާ ގޮތަށް އެދުވަހު ގެންގޮސް ނިންމަން. މިދެންނެވީ މިސާލަކަށް ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށް އެޝަރީއަތް ހިންގާނީއޭ. ދެން އެމައްސަލައާ ގުޅިގެން ގެންނަންޖެހޭ ހެކިން އެދުވަހު ގެންނާނީއޭ. ދައްކަން ޖެހޭ ވާހަކަ ވެސް ދައްކާނީއޭ. ދެފަރާތުގެ ވަކީލުން ވެސް އަންނަންވީއޭ ތައްޔާރުވެގެން. އެހެންވީމަ ޝެޑިއުލް ކުރާނެ އެއްހަފްތާ ކުރިން ދެހަފްތާ ކުރިން ތިން ހަފްތާ ކުރިން. ޝެޑިއުލް ކޮށްފައި ބުނާނީ މިވެނި ދުވަހެއްގައި އޮންނާނޭ މިވެނި މައްސަލައެއް. ފަށާ ގޮތަށް މިސާލަކަށް އާދިއްތަ ދުވަހު ފަށާފިއްޔާ އެދުވަހަށް ނުނިމިއްޖެއްޔާ އަނެއް ދުވަހު ކުރިއަށްދާނީ. އެދުވަހު ނުނިމިއްޖެއްޔާ އަނެއް ދުވަހު ކުރިއަށްދާނީ. އެހެންގޮސް ތިނެއް ނުވަތަ ހަތަރު ދުވަސްތެރޭގައި ޝަރީއަތް ނިންމާލާނީ. ނިންމާ ހުކުމް ކުރީމަ އެމައްސަލަ އެނިމުނީއޭ.ޕީޖީ ހުސައިން ޝަމީމް
ޕީޖީ ޝަމީމް ވިދާޅުވީ އެއުސޫލާ އެގޮތަށް މަސައްކަތް ކުރެވިއްޖެ ކަމުގައިވާނަމަ މައްސަލަތައް ނިންމާލަން މާގިނަ ދުވަހެއް ނުނަގާނެ ކަމަށެވެ.