މާފަރު އެއަރޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓްކުރުމުގެ ދާއިމީ ހުއްދަ ލިބޭނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަކުރާ ބަދަލުތައް ޓާރމިނަލް އަށް ގެނައުމަށްފަހުގައިކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ބުނެފިއެވެ.
ޓްރާނަސްޕޯޓް މިނިސްޓްރީން ބުނީ މާފަރު އެއަރޕޯޓްގައި އިންޓަނޭޝަނަލް ފްލައިޓްތައް 16 އޮކްޓޯބަރ 2018 ވަނަ ދުވަހުން ފެށިގެން ޖައްސާފައިވާއިރު، އޭގެތެރޭގައި A320/321 އަދި B737 ހިމެނިފައިވީ ނަމަވެސް އެއީ ވަގުތީ ހުއްދައިގެ ދަށުން ޖައްސާފައިވާ ޗާޓަރ ފްލައިޓްތަކެއް ކަމަށެވެ.
މާފަރު އެއަރޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓްކުރުމުގެ ދާއިމީ ހުއްދަ ލިބޭނީ ކަސްޓަމްސް، އިމިގްރޭޝަން އަދި ކަރަންޓީން ފެސިލިޓީޒްތައް ޤާއިމް ކުރުމުގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަކުރާ ބަދަލުތައް ޓާރމިނަލް އަށް ގެނައުމަށްފަހުގައި ކަމަށެވެ. އަދި މި ބަދަލުތައް ޖޫން މަހުގެ ނިޔަލަށް ނިންމާނެ ކަމަށް މާފަރު އެއަރޕޯޓުން ސިވިލް އޭވިއޭޝަނަށް އަންގާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މާމިގިލީ އަދި ކުޑަހުވަދޫ އެއަރޕޯޓުން މިވަގުތު ހުށަހަޅާފައިވަނީ ޕްރައިވެޓް ޖެޓްތައް އޮޕަރޭޓްކުރުމަށް ކަމަށްވާއިރު އިންޓަނޭޝަނަލް އޮޕަރޭޝަންސްއަށް ހުއްދަ ދެވޭނީ އެއަރ އޮޕަރޭޓަރ ސެޓްފިކެޓް ލިބުމަށްފަހު ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމުން ކަމަށާއި އޭގެތެރޭގައި ކަސްޓަމްސް، އިމިގްރޭޝަން އަދި ކަރަންޓީން ފެސިލިޓީޒްތަކުގެ އިތުރުން ފުރިހަމަކުރަންޖެހޭ އެހެނިހެން ކަންތައްތައް ފުރިހަމަކުރުމަށްފަހުގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ. އަދި ސަރުކާރުން އެކުލަވާލާފައިވާ ޕްލޭންގައި މި ދެ އެއަރޕޯޓް ނެތުމާއިއެކު މި ދެ އައަރޕޯޓާއި ގުޅޭގޮތުން ގޮތެއް ނިންމަންވާނީ މިނިސްޓްރީން އެކަނި ނޫން ކަމަށް ބަޔާނުގައިވެއެވެ.
މީގެ އިތުރުން މިހާރު ޓެސްޓް ފްލައިޓް ޖައްސާ ނިމިފައިވާ މާވަރުލު އެއަރޕޯޓްގެ ޚިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހު ފެށިގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.