ކ. މާލެ
|
18 ޖޫން 2020 | ބުރާސްފަތި 13:40
ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ވެބް ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ، ސިއްރު ހެއްކާބެހޭ ޝަރީއަތުގެ އަޑުއެހުމުގެ ސްކްރީން ޝޮޓެއް: މިމައްސަލާގައި ދެން އޮންނާނީ ހުކުމް ކުރުމަށް ބޭއްވޭ އަޑު
ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ވެބް ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ، ސިއްރު ހެއްކާބެހޭ ޝަރީއަތުގެ އަޑުއެހުމުގެ ސްކްރީން ޝޮޓެއް: މިމައްސަލާގައި ދެން އޮންނާނީ ހުކުމް ކުރުމަށް ބޭއްވޭ އަޑު
މުހައްމަދު ފަޒީން
ސިއްރު ހެއްކާބެހޭ މައްސަލަ
ސިއްރު ހެއްކާބެހޭ މައްސަލާގައި ދެން އޮންނާނީ ހުކުމް ކުރުން
ސިއްރު ހެއްކާ ބެހޭ ބައި އުނިކުރުމަށް ހުށަހަޅަން ނިންމީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިނިވަންވުމާއި ގުޅިގެން
އިލްތިމާސް ކޮށްފައިވަނީ ހައިކޯޓުން ކުރި އެހުކުމުގެ ބައެއް
މިމައްސަލައިގެ އަޑުހުންތައް މިވަނީ ނިންމާލާފައި، ދެން އޮންނާނީ ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތް

ޖިނާއީ އިޖުރާއާތުގެ ގާނޫނު އޮތްގޮތުން، ޖިނާއީ އެއްވެސް މައްސަލައެއްގައި ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމެއްގައި ބުނެފައިވާތީ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި، ސުޕްރީމް ކޯޓުން އަޑުއެހުމެއް ބާއްވައި، އެމައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ބުރާސްފަތި ދުވަހު، ސުޕްރީމް ކޯޓުގައި ބޭއްވި މި އަޑުއެހުން ބާއްވާފައިވަނީ، ވެބް ކޮންފަރެންސް މެދުވެރި ކޮށެވެ. މި މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2018 ވަނަ އަހަރުގެ 387 ވަނަ ނަންބަރުގެ ޤަޟިއްޔާގައި ސިއްރު ހެއްކާބެހޭގޮތުން ކަނޑައެޅުއްވި އުޞޫލު، ޤާނޫނީ ގޮތުން ރަނގަޅުކަމަށް ނުފެންނާތީ، އެޤަޟިއްޔާގެ އެބައި (ޤާނޫނު މާނަކުރުމުގެ ބައި) ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ހުށަހެޅި މައްސަލަައެކެވެ.

މި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ، ހައިކޯޓުގެ ވަނަ އަހަރުގެ 387 ވަނަ ނަމްބަރު ޤަޟިއްޔާގައި މައްސަލަ ނިމުނު ގޮތުގެ ހުލާސާ ރިޕޯޓްގައި (ނ) ޖިނާއީ އިޖުރާއަތުގެ 149 ވަނަ މާއްދާގައި ހެކި ބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގޭނީ، ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި އޮންނަންޖެހޭ ހާލަތުގައި ކަމަށް ބަޔާންކޮށް، ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާ ގޮތެއް ނުވަތަ ގޮތްތަކެއް ނެތްކަމަށް އެގާނޫނަށް ބެލުމުން އެނގެން އޮތް ކަމަށް ނިންމާފައިވަނީ ޝައުރީ އަދި ގާނޫނީ އުސޫލާ ހިލާފަށްކަމަށް ކަނޑައަޅާ ދެއްވުމަށެވެ.

ސިއްރު ހެއްކާ ބެހޭ ބައި އުނިކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުން ސުޕްރިމް ކޯޓަށް ހުށަހަޅަން ނިންމާފައިމިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޖަލަށް ލެވުނު ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން ކުރި ޢަދުލު އިންސާފު ޤާއިމުކުރަން ހުރަސްއެޅުމުގެ ދަޢުވާ ސާބިތުވެ ކުރި ޙުކުމް، ހައިކޯޓުން ބާޠިލުކުރުމާ ގުޅިގެންނެވެ.

މިދިއަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރުގެ މައްޗަށް، ފޯނު ނުދިން ކަމަށް ބުނާ މައްސަލައިގައި، ޢަދުލު އިންސާފު ޤާއިމުކުރަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވެ، އިއްވާފައިވާ ޙުކުމް ބާޠިލު ކުރުމާއެކު އެމަނިކުފާނު ވަނީ މިނިވަންވެވަޑައިގަންނަވާފައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމް ހައިކޯޓުގައި އިސްތިޢުނާފު ކުރިތާ ދުވަސްތަކެއް ވެފައިވާއިރު، ހައިކޯޓުން އެ މައްސަލަ ނިންމާ، ކުރި ޙުކުމްގައި ކަނޑައެޅީ ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށެވެ.

ޤާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އުފުލި ދަޢުވާއަކާއި، ރަސްމީ ހައިޞިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދަޢުވާގެ އިތުރުން ތަޙުޤީޤަށް ފޯނު ނުދިން ކަމަށް ބުނެ އުފުލި އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ދަޢުވާއާއެކު ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ޔާމީނުގެ ވެރިކަމުގައި ވަނީ ގިނަ ދަޢުވާތަކެއް އުފުލާފައެވެ.

ސުޕްރީމް ކޯޓުގެ ބުރާސްފަތި ދުވަހު ބޭއްވި މިމައްސަލައިގެ އަޑުހުން ނިންމާލައްވަމުން މިމައްސަލަ ބެއްލެވު ފަނޑިޔާރުގެ ބެންޗުގެ އިސްފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ، މިމައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން މިމައްސަލާގައި އޮންނާނީ ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތުގެ އަޑުހުން ކަމަށެވެ. ވަކި ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތުގެ އަޑުއުން ބާއްވާނެ ވަކި ތާރީހެއް ވިދާޅުވިނަމަވެސް ވަރަށް އަވަހަށް ބޭއްވޭނެ ކަމަށް ވިދާޅުވިއެވެ.

- ކޮމެންޓް