ކ. މާލެ
|
18 ޖޫން 2020 | ބުރާސްފަތި 10:00
ސިތީ އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 3-0 ން
ސިތީ އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 3-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު އަލުން ފަށައިފި، ކުޅުނު ފުރަތަމަ މެޗުން ސިޓީއަށް ފަސޭހަ މޮޅެއް
ޕްރިމިއާ ލީގު އަލުން ފެށީ 100 ދުވަހަށްފަހު
އާސެނަލް އަތުން ސިޓީ މޮޅުވީ 3-0 ން

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ މެދުކެނޑުމަށް ފަހު އިނގިރޭސި ޕްރިމިއާ ލީގު އަލުން ފަށައި މެންޗެސްޓާ ސިޓީން ކުޅުނު ފުރަތަމަ މެޗުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

100 ދުވަހަށް ފަހު ޕްރިމިއާ ލީގު އަލުން ފެށިއިރު، ބުދަ ދުވަހުގެރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑެވެ. މި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. ބުދަ ދުވަހުގެރޭ ކުޅުނު ދެވަނަ މެޗުން ސިޓީ މޮޅުވީ އާސެނަލް އަތުން 3-0 ންނެވެ.

ބުދަ ދުވަހުގެރޭގެ މެޗުގެ ކުރިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ހަނދާނުގައި ސުކޫތެއް ގެނައިރު، ސިއްހީ ހިދުމަތްތެރިގެ އަގުވަޒަންކުރުމުގެ ގޮތުން ކުޅުންތެރިންގެ ޖާޒީގައި ހާއްސަ ބެޖެއް ވަނީ ޖަހާފައެވެ. ކުޅުންތެރިންގެ ޖާޒީގެ ފަހަތުގައި ނަމުގެ ބަދަލުގައި، ޖަހާފައިވަނީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ހިންގާ ކެމްޕެއިނަށް ހިތްވަރުދޭ މެސެޖް "ބްލެކް ލައިވްސް މެޓާ" މިހެންނެވެ. އަދި މެޗު ފެށުމުގެ ކުރިން ނަސްލީ ތަފާތުކުރުމާ ދެކޮޅު ކެމްޕެއިނުގައި ބައިވެރިވާކަމުގެ ރަމްޒީ ނިޝާނެއްގެ ގޮތުން ދެ ޓީމުގެ ކުޅުންތެރިންނާއި ރެފްރީންވެސް ވަނީ ކަކޫ ޖައްސައިގެން އިށީނދެފައެވެ.

ސިޓީގެ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި އެޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ ލީޑު ނަގާފައެވެ. އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް ހެދި ގޯހެއްގެ ފައިދާ ނަގާ އިތުރު ވަގުތުގައި ސިޓީއަށް ލީޑު ނަގައިދިނީ ރަހީމް ސްޓާލިންއެވެ.

ސިޓީން މެޗުގައި ލީޑު ފުޅާކުރީ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައެވެ. ސިޓީގެ ރިޔާދު މާރޭޒަށް އޭރިއާ ތެރެއިން ކުރި ފައިލަކަށް ރެފްރީ އާސެނަލްގެ ލުއިޒަށް ސީދާ ރަތް ކާޑެއް ދެއްކިއިރު، ސިޓީގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެވިން ޑިބްރޭނާއެވެ.

މި މެޗުގައި ސިޓީގެ ތިންވަނަ ލަނޑު އެޓީމުން ކާމިޔާބުކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފިލް ފޯޑެންއެވެ.

މިއީ މި އަހަރު ލީގުގައި އާސެނަލް ބަލިވި ފުރަތަމަ މެޗެވެ. މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލްގެ ލީޑު ވަނީ 22 ޕޮއިންޓަށް ކުޑަވެފައެވެ. ލިވަޕޫލަށް 29 މެޗުން 82 ޕޮއިންޓު ލިބިފައިވާއިރު، ސިޓީގެ އޮތީ 29 މެޗުން 60 ޕޮއިންޓާއެކު ދެވަނައިގައެވެ. މި މެޗުން ބަލިވި އާސެނަލް އޮތީ 29 މެޗުން 40 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް