ކ. މާލެ
|
17 ޖޫން 2020 | ބުދަ 19:07
ޑީއީޑީ ފުލުހުންތަކެއް- މި މައްސަލައިގައި 11 ފުލުހެއްގެ މައްޗަށް ތުހުމަތު ކުރެވުނު، ނަމަވެސް ހެކި ނެތުމުން 3 ފުލުހެއްގެ މައްސަލަ އަނބުރާ ފޮނުވާލި
ޑީއީޑީ ފުލުހުންތަކެއް- މި މައްސަލައިގައި 11 ފުލުހެއްގެ މައްޗަށް ތުހުމަތު ކުރެވުނު، ނަމަވެސް ހެކި ނެތުމުން 3 ފުލުހެއްގެ މައްސަލަ އަނބުރާ ފޮނުވާލި
ޕޮލިސް
މ. އުޖާލާގޭގައި ޑީއީޑީން ހިންގި އޮޕަރޭޝަން
ބިދޭސީއަކަށް ޙަމަލާދިން 8 ފުލުހެއްގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ކުރިއަށްދޭ: ޕީޖީ އޮފީސް
މިއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ޑީއީޑީން ހިންގި އޮޕަރޭޝަނެއް
މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ޕީޖީ އޮފީހުން އެ 8 މީހުންގެ މައްޗަށް ދައުވާ އުފުލި
މި މައްސަލަ ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް ހުށައަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު

ގަދަބާރު ބޭނުން ކޮށްގެން މީހަކަށް އަނިޔާކުރި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ) ގެ 8 ފުލުހެއްގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ކުރިއަށްދާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ޑީއީޑީން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މ. އުޖާލާގެ ބަލައި ފާސްކުރިއިރު އެ ގެއަށް މަސްތުވާތަކެއްޗާއެކު އައި ބަންގްލަދޭޝްގެ ރައްޔިތެއް ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން އޭނާ ހައްޔަރު ކުރިއިރު، ފުލުހުން އަނިޔާ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އޭރު ވަނީ އާންމުވެފައެވެ.

އަދި އެ ގޭގައި ދިރިއުޅޭ 28 އަހަރުގެ ދިވެހި ފިރިހެނަކު އޭނާ އުޅޭ ކޮޓަރީގެ ކުޑަދޮރުން ފުންމާލައިގެން ފިލަން މަސައްކަތް ކުރުމުން އޭނާ ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އަނިޔާ ކުރާ ވީޑިއޯ އާންމު ވުމާއެކު އެ ވީޑިއޯ ނެގިކަމުގެ ތުހުމަތުގައި މި އޮޕަރޭޝަން ހިންގި ފުލުހުން އޮޕަރޭޝަން ހިންގުނު ގޭގެ ކުރިމައްޗަށް ހުރި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރުގެ ގެއަށް ވަދެ ވީޑިއޯ ޑިލީޓް ކުރުމަށް ބުނެ އެގޭގެ މީހުންނަށް ބިރު ދައްކާފައިވާކަމަށްވެސް ޚަބަރު ފެތުރިފައިވެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަހުމަދު ޝަފީއު ވިދާޅުވީ، މި މައްސަލަ ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް ހުށައަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އަދި އޭރު 11 ފުލުހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށާއި، ނަމަވެސް ލިބިފައިވާ ހެކިތަކާއެކު ދައުވާ އުފުލާފައިވަނީ 8 ފުލުހެއްގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ. ޝަފީއު ވިދާޅުވީ، ބާކީ ތިބި 3 ފުލުހުންގެ މައްޗަށް އެކަށީގެންވާ ހެކި ނެތުމުން އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

އޭގެ އިތުރުން، މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ޕީޖީ އޮފީހުން އެ 8 މީހުންގެ މައްޗަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށައަޅާފައިވާކަން ފާހަގަކޮށް ޝަފީއު އިތުރަށް ވިދާޅުވީ، މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ކަމަށެވެ. އެ އަޑުއެހުމުގައި ދައުވާ ލިބޭ ހުރިހާ ފުލުހުންވެސް ވަކީލަކަށް އެދިފައިވާއިރު، އެއަށް ފަހު، މާރޗު މަހުވެސް އަޑުއެހުމެއް ތާވަލު ކޮށްފައިވާ ކަމަށާއި، ނަމަވެސް އެ އަޑުއެހުން ކެންސަލްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ޤާނޫނުލް އުޤޫބާތުގެ 120 ވަނަ މާއްދާގެ ދަށުން 7 ފުލުހެއްގެ މައްޗަށް ވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އޭގެ ތެރޭގައި ހިމެނޭ އަހުމަދު ނައުޝާދު ނަމަކަށް ކިޔާ އޮފިސަރެއްގެ މައްޗަށް އަނިޔާ ދިނުމުގެ 2 ދައުވާއެއް އުފުލާފައިވެއެވެ.

އޭގެ އިތުރުން، އަބްދުލް މުޙައިމިން ކިޔާ އޮފިސަރެއްގެ މައްޗަށް ޤާނޫނުލް އުޤޫބާތުގެ 220 ވަނަ މާއްދާގެ ދަށުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ. ފުލުހުން އޭރު ހިންގި މި އޮޕަރޭޝަނުގައި އުޖާލާގެއިން ގާތްގަނޑަކަށް 461 ގްރާމުގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ.

- ކޮމެންޓް