ކ. މާލެ
|
17 ޖޫން 2020 | ބުދަ 18:30
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން (ކ-ވ) ކޮމިޝަންގެ މެންބަރު ހަބީބު، ކޮމިޝަންގެ ރައީސް ޝަރީފް އަދި ކޮމިޝަންގެ ނައިބު ރައީސް އަކްރަމް؛ 3 ޕާޓިއަކާމެދު އީސީން ވަނި މިއަދު ފިޔަވަޅު އަޅާފައި
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން (ކ-ވ) ކޮމިޝަންގެ މެންބަރު ހަބީބު، ކޮމިޝަންގެ ރައީސް ޝަރީފް އަދި ކޮމިޝަންގެ ނައިބު ރައީސް އަކްރަމް؛ 3 ޕާޓިއަކާމެދު އީސީން ވަނި މިއަދު ފިޔަވަޅު އަޅާފައި
ޔޫސުފް ސޮފްވާން ރަޝީދު
ތިން ޕާޓީއަކަށް ފިޔަވަޅު އެޅުން
ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވެގެން އެމްޑީއޭ އަދި އެމްޓީޑީ ޖޫރިމަނާ ކޮށްފި
އެމްޑީއޭ ޖޫރިމަނާ ކޮށްފައިވަނީ 50،000 ރުފިޔާއިން
އެމްޓީޑީ ޖޫރިމަނާ ކޮށްފައިވަނީ 30،000 ރުފިޔާއަށް
ޑީއާރުޕީ ގާނޫނާ ހިލާފުވެފައިވާތީ ކަންކަން އިސްލާހުކުރުމަށް ވަނީ އަންގާފައި

ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވެގެން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ޖޫރިމަނާ ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސި) އިން ބުނީ އެމްޑީއޭ އަދި އެމްޓީޑީ ޖޫރިމަނާކޮށް, ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ކޮށްފައިވާ ޖޫރިމަނާ ދައްކާފައި ނުވާތީ އެކަން އަންގާފައިވާނެ ކަމަށެވެ.

އެމްޑީއޭ ޖޫރިމަނާ ކޮށްފައިވަނީ، އެ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ގައުމީ ބައްދަލުވުން ބާއްވާފައިނުވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުންނެވެ. އަދި މި ޖޫރިމަނާ، ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގާފައެވެ. އަދި ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމުން ޕާޓީގެ ގައުމީ ބައްދަލުވުން ވީ އެންމެ އަވަހަކަށް ބޭއްވުމަށާއި އަދި ބައްދަލުވުން ބޭއްވުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ ސިއްޙީ ކުއްލި ޙާލަތު އިއުލާނުކޮށްފައިވާ ޖުމުލަ ދުވަހުގެ މުއްދަތުކަމުގައި ވެސް ވަނީ އެމްޑީއޭއަށް އަންގާފައެވެ.

މީގެ އިތުރުން އެމްޓީޑީން ސިޔާސީ ޕާޓީގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ ޕާޓީގެ ގައުމީ ބައްދަލުވުން ބާއްވާފައިނުވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން އެ ޕާޓީ 30،000 (ތިރީސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމައި މި ޖޫރިމަނާ، ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި އަދި ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމުން ޕާޓީގެ ގައުމީ ބައްދަލުވުން ވީ އެންމެ އަވަހަކަށް ބޭއްވުމަށް ވަނީ އަންގާފައެވެ. އަދި ބައްދަލުވުން ބޭއްވުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ ސިއްޙީ ކުއްލި ޙާލަތު އިއުލާނުކޮށްފައިވާ ޖުމުލަ ދުވަހުގެ މުއްދަތުކަމުގައި އެ ޕާޓީއަށް އީސީން ވަނީ އަންގާފައެވެ.

ޑީއާރުޕީން ތަކުރާރުކޮށް ސިޔާސީ ޕާޓީގެ ޤާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވެ، އެ ޕާޓީ 2016 އަދި 2019 ގައި ކޮށްފައިވާ ޖޫރިމަނާތަކުގެ ފައިސާ ދައްކާފައިނުވާތީ، ދެ ފަހަރެއްގެ މަތިން އެ ފައިސާ ކޮމިޝަނަށް ދެއްކުމަށް އެ ޕާޓީއަށް އެންގުނު ނަމަވެސް މިހާތަނައް އެ ފައިސާ ދައްކާފައި ނުވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީގެ ޤާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް 2018 އަދި 2019 ވަނަ އަހަރުގެ އެ ޕާޓީގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ވެސް ކޮމިޝަނަށް ހުށަހަޅާފައިނުވާތީއާއި، އަދި ޕާޓީގެ އަސާސީ ގަވާއިދުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެ ޕާޓީގެ ގައުމީ ޖަލްސާ ބާއްވާފައިނުވާތީ، މި ކަންކަން އިސްލާޙު ކުރުމަށް އެ ޕާޓީއަށް ކޮމިޝަނުން ވަނީ އަންގާފައެވެ.

ޑީއާރުޕީއަށް އެކި ފަހަރުމަތިން ނަސޭހަތާއި އިންޒާރު އަދި ފިޔަވަޅު އަޅާފައިވާތީ، އިތުރަށް އަޅަން ހުރި އެންމެ ފަހުގެ ފިޔަވަޅާބެހޭ ގޮތުން އެ ޕާޓީއާއެކު މަޝްވަރާކޮށް ބައްދަލުވުމެއް ބޭއްވުމަށްވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

- ކޮމެންޓް