ކ. މާލެ
|
17 ޖޫން 2020 | ބުދަ 09:01
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންތަކެއް
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންތަކެއް
ރައީސް އޮފީސް
މީޑިއާ ކައުންސިލްގެ ސަރވޭ
މީޑިއާތަކާއި ނޫސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމަށް ހެދި ސަރވޭގެ ހޯދުންތައް އާންމުކޮށްފި
ސަރވޭގައި ބައިވެރިވި 65.1 އިންސައްތަ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކޮށްފައިވާ އިރު، 36.7 އިންސައްތަ މުވައްޒަފުންގެ މުސާރައިން 50 އިންސައްތަ ވަނީ ކުޑަކޮށްފަ

ކޯވިޑް-19 އާ ގުޅިގެން މީޑިއާތަކަށް ދިމާވާ މާލީ މައްސަލަތައް ދެނެގަތުމުގެ މަގުސަދުގައި މީޑިއާ ކައުންސިލްގެ ފަރާތުން މީޑިއާތަކުގެ ވެރިންނާއި މުވައްޒަފުންގެ މެދުގައި ޖޫން 5ން 10ށް ކުރިއަށް ގެންދިޔަ ސަރވޭގެ ހޯދުންތައް ހިމެނޭ ރިޕޯޓް މިއަދު އާންމުކޮށްފިއެވެ.

މި ރިޕޯޓް ނެރެފައި ވަނީ، މީޑިއާތަކުގެ ފަންނީ ބޭފުޅުން ހިމެނޭ ގޮތަށް "ކޯވިޑް-19އާ އެކު މީޑިއާތަކުގެ ކުރިމަގު" މި ނަމުގައި އާންމުކޮށް އެންމެންނަށް ބައިވެރިވެވޭ ގޮތަށް ކައުންސިލުން ބޭއްވި ވެބިނާއެއްގައެވެ.

މި ވެބިނާގެ ޕެނަލިސްޓުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ކޯވިޑް-19އާ އެކު އެތައް ވިޔަފާރިތަކެއް ހުއްޓުމަކަށް އައިސްފައިވާ އިރު، ވިޔަފާރިތަކުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އެންމެ ފުރަތަމަ ވެސް ވިޔަފާރިތަކުން އިޝްތިހާރަށް ކުރާ ހަރަދު ކުޑަކުރަމުންދެއެވެ. އެކަމުގެ ސަބަބުން މީޑިއާތަކުގެ އާމްދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުން އަންނަ އިރު އިޝްތިހާރު ސްލޮޓްތައް ވިއްކުމުގެ އިތުރަށް އާމްދަނީ ހޯދުމަށް މީޑިއާތަކުގެ ވިސްނުން އެހެން ދިމާލަކަށް ބައްޓަން ކުރަން ޖެހޭކަން ފާހަގަ ކުރެއްވިއެވެ.

އެގޮތުން ވިޔަފާރިތަކަށް ޙާއްޞަ ފެންވަރު ރަނގަޅު ޒަމާނީ ކޮންޓެންޓް މީޑިއާތަކުން އުފައްދައި ދީގެން އޭގެ ތެރެއިން އާމްދަނީ ހޯދޭނެ ގޮތްތަކެއް ރޭވުމާއި، ފައިސާ ދީގެން ޚަބަރު ކިޔޭ ގޮތަށް ޕޭވޯލް ތަޢާރަފް ކުރުން ފަދަ އާ ގޮތްތަކަކަށް މީޑިއާތަކުގެ ވިސްނުން ބަދަލު ކުރަން ޖެހޭކަން ޕެނަލިސްޓުން ފާހަގަކުރެއްވިއެވެ. އަދި ނޫސްތަކުގައި އިޝްތިހާރު ކުރަން ވިޔަފާރިތަކުން ޝައުގުވެރި ނުވާ ސަބަބުތަކުގެ މައްޗަށް ވެސް ވެބިނާގައި ޕެނަލިސްޓުން ވަނީ ތަފްސީލްކޮށް ވާހަކަ ދައްކަވައިފަ އެވެ.

ކޯވިޑް-19 އާ ގުޅިގެން މީޑިއާތަކަށް ހުރި ގޮންޖެހުންތަކާއި މުވައްޒަފުންނަށް ދިމާވާ ދަތިތައް ބެލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރިއަށް ގެންދިޔަ ސާވޭގެ ރިޕޯޓް މި ވެބިނާގައި ޢާންމުކުރިއިރު، އެ ސާވޭއިން ވަނީ މީޑިއާތަކަށް ހުރި ގޮންޖެހުންތަކާއި ރަނގަޅު ކުރަން ހުރި ގިނަ ކަންކަން ކައުންސިލުން ވަނި ފާހަގަކޮށްފައެވެ. އެގޮތުން މީޑިއާތަކުގައި މަސައްކަތް ކުރާ ޖުމްލަ 63 ފަރާތަކުން ސާވޭގައި ބައިވެރިވި އިރު، އޮންލައިންތަކާއި ރޭޑީއޯ، ޓީވީތައް ހިމެނޭ ގޮތުން މީޑިއާތަކުގެ އިސްވެރިން ވެސް ވަނީ ސަރވޭ އަށް މައުލޫމާތު ދެއްވައިފައެވެ.

ސަރވޭއިން ފާހަގަވި ކަންތައްތަކުގެ ތެރޭގައި:

  • މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ސަރވޭގައި ބައިވެރިވި 65.1 އިންސައްތަ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކޮށްފައިވާ އިރު، 36.7 އިންސައްތަ މުވައްޒަފުންގެ މުސާރައިން 50 އިންސައްތަ ވަނީ ކުޑަކޮށްފައެވެ.
  • ކޯވިޑް-19 ގެ ޚާލަތާ ގުޅިގެން މީޑިއާތަކުގެ އާމްދަނީ އެވްރެޖްކޮށް 80-60 އިންސައްތައާ ދެމެދުގެ އަދަދަކަށް ވަނީ ދަށަށް ގޮސްފައެވެ.
  • މި ހާލަތުގައި ގިނަ ނޫސްވެރިން ގޭގައި މަސައްކަތް ކުރަން ޖެހުނު ނަމަވެސް، އިންޓަނެޓްގެ މައްސަލަ އާއި އެހެން ވެސް ވަޟީލަތްތަކުގެ ދަތިކަމުން މަސައްކަތަށް އުނދަގޫވާކަން ސާވޭގައި ބައިވެރިވި 79.4 ޕަސެންޓް މުވައްޒަފުން ފާހަގަކޮށްފައިވެއެވެ.
  • ސަރުކާރު ހިއްސާވާ ކުންފުނިތަކުން މީޑިއާތަކަށް އިޝްތިހާރު ދިނުމުގައި ހަމަހަމަ އުސޫލެއް ނުގެންގުޅޭ ކަމާއި، އެކަން ކުރަނީ މެރިޓަށް ބަލައިގެން ނޫންކަމަށް، ސާވޭގައި ބައިވެރިވި 90 ޕަސެންޓް މީޑިއާތަކުން ފާހަގަކޮށްފައިވެއެވެ.
  • އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތްތަކުން މީޑިއާތަކަށް ޙާއްޟަ އިންޓަނެޓް ޕެކޭޖްތަކެއް ތަޢާރަފްކޮށް އިންޓަނެޓަށް ކުރާ ޚަރަދު ކުޑަވުމަށް އެދޭކަން، ސާވޭގައި ބައިވެރިވި ހުރިހާ މީޑިއާއަކުން ވެސް އިއްތިފާގުވެފައިވެއެވެ.
  • މީޑިއާތަކަށް ކުރިމަތިވެފައިވާ، މާލީ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން މީޑިއާތަކަށް މާލީ އެހީތެރިކަމެއް ދިނުމަށް ސާވޭގައި ބައިވެރިވި، 93.7 އިންސައްތަ މީޑިއާއިން ބުނެފައިވެއެވެ.
  • ކޯވިޑް-19 އާ ގުޅޭ މަޢުލޫމާތު ހޯދުމުގައި ދަތިތަކެއް ނެތް ކަމަށް ސާވޭގައި ބައިވެރިވި، 71.4 އިންސައްތަ ފަރާތުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދަން ފަސޭހަ ނޫން ކަމަށް ސާވޭގައި ބައިވެރިވި 80 އިންސައްތަ ބައިވެރިން ފާހަގަކޮށްފައިވެއެވެ.
  • ކޮމިއުނިޓީ ނޫސްތައް ހިންގުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން އެ ނޫސްތަކުން ފާހަގަކޮށްފައިވެއެވެ.
  • މީޑިއާތަކަށް އެހީވުމަށް ސަރުކާރުން ލޯނެއް ތައާރަފްކޮށްފައިވީ ނަމަވެސް، އެ ލޯނަށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވަމުން އަންނަކަން މީޑިއާތަކުން ސާވޭއަށް މައުލޫމާތު ދީފައިވެއެވެ.

މި ސަރވޭގެ ރިޕޯޓުން ފާހަގަވީ ކަންކަމާ ގުޅިގެން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާ މި ރިޕޯޓް ހިއްސާކޮށް މީޑިއާތަކަށް ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތް ކޮށްދިނުމަށް ކައުންސިލްގެ ފަރާތުން އެ ފަރާތްތަކުގައި އެދުމަށް ވަނީ ނިންމާފައެވެ. އަދި އެ ކަންކަން ތަންފީޒުވަމުންދާ ގޮތް ކައުންސިލުން ގާތުން މޮނީޓާކުރަމުން ގެންދިޔުމަށް ވެސް ނިންމާފައިވެއެވެ.

- ކޮމެންޓް