ފޭސް މާސްކު ތަކުގައި ސްކޫލުތަކުގެ ބެޖު ޖަހައިގެން ނުވިއްކުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން އިލްތިމާސް ކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ ސްކޫލުތަކުގައި ބޭނުންކުރަމުން އަންނަ ބެޖުތަކަކީ މި މިނިސްޓްރީގެ ފިކުރީ މުދަލެއް ކަމަށާއި، ސްކޫލު ޔުނިފޯމުގައި ބޭނުންކުރުމަށް ފަރުމާ ކޮށްފައިވާ ބެޖުތައް އެހެން އެއްވެސް ކަމެއްގައި ބޭނުންކުރަންވާނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށެވެ.
ނަމަވެސް މިހާރަކަށް އައިސް މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތިބައެއް ފަރާތްތަކުން ސްކޫލުތަކުގެ ބެޖު، ވިޔަފާރީގެ ބޭނުމުގައްޔާއި އެނޫން ވެސް ކަންކަމުގައި ބޭނުން ކުރަމުން އަންނަކަން އޭޑިއުކޭޝަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވަކިން ޚާއްސަކޮށް ކޮވިޑް-19ގެ ހާލަތުގައި ސްކޫލުތައް އަލުން ހުޅުވައިލުމުން ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު ބޭނުން ކުރުމަށް ބައެއް ފަރާތްތަކުން ތައްޔާރުކޮށް ވިއްކަމުން އަންނަ ފޭސް މާސްކުތަކުގައި ބައެއް ސްކޫލުތަކުގެ ބެޖުޖަހައިގެން ވިއްކަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަަމަށެވެ.
ހުއްދަ ލިބިގެން ނޫން ގޮތަކަށް އެއްވެސް ސްކޫލެއްގެ ބެޖު ވިޔަފާރިއާއި އެނޫން ވެސް ކަންކަމުގައި އަމިއްލަ ފަރާތްތަކުން ބޭނުން ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.