ރެޖިސްޓްރީން ކަރަންޓީނުގައި ހުންނެވިކަމުގެ ރެކޯޑު ގެއްލުމުގެ ސަބަބުން ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ހުންނެވީ ކަރަންޓީނު ފެސިލިޓީގައި ތާށިވެވަޑައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ޖަލްސާގައި ހާޒިރީ ވިދާޅުވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ދާއިރާއަށް ވަޑައިގަތުމަށް ކަރަންޓީނު ވެވަޑައިގެން ހުންނަވަނިކޮށް މެމްބަރަކު "ގެއްލިފައި" ވާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މާލެ ސިޓީން ރަށްރަށަށްދާ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ މީހުން ގޭގައި ކަރަންޓީނުވުމުގެ އުސޫލަށް ލުއިތަކެއް ގެނައުމާއި އެކު މެމްބަރު ކަރަންޓީނުން ދޫކޮށްދެއްވުމަށް އެދިވަޑައިގެން ކަމަށާއި އެހެންނަމަވެސް، ކަރަންޓީނުގައި ހުންނެވިކަމުގެ ރެކޯޑު ގެއްލުމުގެ ސަބަބުން މެމްބަރު ހުންނެވީ ފެސިލިޓީގައި ތާށިވެވަޑައިގެން ކަމަށެވެ.
ކަރަންޓީނުގައި ހުންނެވި މެމްބަރަކު ގެއްލިފައިވެއްޖެ. ކަނޑިތީމު ދާއިރާގެ އިއްޒަތްތެރި މެމްބަރު ރޭ ދަންވަރު ގުޅުއްވި. ވިދާޅުވި ތިމަންމެން މިހުރީ ކަރަންޓީނު ފެސިލިޓީގައޭ. އެއީ ރަށަށް ވަޑައިގަތުމަށް. ކަރަންޓީނު ވާންޖެހޭކަމުން ކަރަންޓީނު ވެވަޑައިގަތީ. މިހާރު ދާއިރާއަށް ވަޑައިގަތުމަށް. ދެން މިހާރު ދާއިރާއަށް ވަޑައިނުގަންނަވާ އެއީ ދޫދެއްވާތީއާއި އެކީގައި އެނބުރި ވަޑައިގަންނަވަންވެގެން އެދިވަޑައިގަތީ. އެހެންނަމަވެސް، ބެލީއިރުގައި އޭނާ އެތަނުގައި ރެޖިސްޓަރވެފައި ނެތުމުން އިއްޒަތްތެރި މެމްބަރު އެތަނުން ދޫކޮށްލެވޭކަށް ނެތް. ނެތް މީހަކު ދުލެއްވެސް ނުކުރެވޭނެތާ.ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ ކަންހިނގާ ދިޔަ ފޮތް މިހާރު އަމީން އާއްމު ގެންދަވަނީ ބައްލަވަމުން ކަމަށެވެ.
''ރާއްޖެއެމްވީ' އަށް މައުލޫމާތު ލިބިފައިވާގޮތުގައި މެމްބަރު ހުންނެވީ ޅޮހިފުށި ކަރަންޓީނު ފެސިލިޓީގައެވެ. ދާއިރާއަށް ވަޑައިގަތުމަށް ކަރަންޓީނު ވެވަޑައިގެންނެވީ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.