ދައުލަތުގެ މާލިއްޔަތަށް ބުރައަކަށްވާ ގޮތަށް ސަބްސިޑީ ދެމުން ދިޔައަސް، މި ސަރަޙައްދުގައި ކަރަންޓްގެ އަގު އެންމެ ބޮޑު އެއް ޤައުމަކީ ދިވެހިރާއްޖެކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ކުރިއަށް ލަފާކުރެވޭ ގޮތުގެ އިތުރުން، ތަރައްޤީ އަށް ހުރި ގޮންޖެހުންތައް ހިމަނައިގެން ވާލްޑް ބޭންކުން އެކުލަވާލި ރިޕޯޓް އާންމު ކޮށްފައިވާއިރު، އެގޮތުން އިއާދަކުރަނިވި ހަކަތަ ތަރައްޤީ ކުރުމަށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކުރުމަކީ، ކޮވިޑް-19އަށް ފަހު ދިވެހިރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށާއި، ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް ލިބޭނެ އިތުރު ބާރެއް ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
މި ރިޕޯޓްގައި ދިވެހިރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމުގެ މައްޗަށް އެކުލަވާލާފައިވާ ޚާއްސަ ބާބެއްވެސް ހިމެނިފައިވެއެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން، ހުރިހާ ދިވެހިންނަށް ކަރަންޓްގެ ޚިދުމަތް ލިބެމުންދިޔަ ކަމުގައިވީ ނަމަވެސް، އެތެރެކުރެވޭ ޑީސަލް އާއި ކޮންމެ ރަށެއްގައި ވަކިވަކިން ޤާއިމް ކުރެވިފައިވާ ކަރަންޓްގެ ވިއުގަތަކުގެ ސަބަބުން ކަރަންޓް އުފެއްދުމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާކަން ބަޔާން ކޮށްފައިވެއެވެ.
އޭގެ އިތުރުން، ދައުލަތުގެ މާލިއްޔަތަށް ބުރައަކަށްވާ ގޮތަށް ސަބްސިޑީ ދެމުން ދިޔައަސް، މި ސަރަޙައްދުގައި ކަރަންޓްގެ އަގު އެންމެ ބޮޑު އެއް ޤައުމަކީ ދިވެހިރާއްޖެކަން ބަޔާންކޮށް ރިޕޯޓްގައި ބުނެފައިވަނީ، އެއީ އާއްމުންނަށް އުފުލަންޖެހޭ އިތުރު ބުރައެއް ކަމަށެވެ.
މި ދަތިތައް ހައްލުކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައަށް އަމިއްލަ ފަރާތްތަކުން އިތުރު އިންވެސްޓްމަންޓްތައް ކުރުމަށް މަގުފަހިކޮށްދިނުމަށް ރިޕޯޓްގައި ހުށައަޅާފައި ވެއެވެ. އެގޮތުން އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓްތަކަށް ފުރަތަމަ ކުރަންޖެހޭ ޚަރަދު ބޮޑު ކަމުގައިވިޔަސް، އޭގެ ސަބަބުން ކަރަންޓްގެ އަގުހެޔޮވެ، ތެޔޮ އެތެރެކުރުމަށާއި ސަބްސިޑީ ދިނުމަށް ކުރެވޭ ޚަރަދު ކުޑަވާނެކަން ފާހަގަކޮށްފައި ވެއެވެ.
އޭގެ އިތުރުން، އެކަމުގެ ސަބަބުން ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުވާނެ ކަމަށާއި، ވަޒީފާގެ އިތުރު ފުރުޞަތުތައްވެސް ހުޅުވިގެންދާނެކަން ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.
އެކަމާ ގުޅޭގޮތުން ވާލްޑް ބޭންކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ ރިޑިހޯ ވިދާޅުވެފައިވަނީ،އިއާދަކުރަނިވި ހަކަތައަށް ވިސްނުން ބެހެއްޓުމަކީ މި ދަނޑިވަޅުގައި ކުރެވޭނެ ވަރަށް ރަނގަޅު އިންވެސްޓްމަންޓެއް ކަމަށެވެ. އެގޮތުން ފުރުޞަތުތައް ހުޅުވިގެން ދިއުމާއިއެކު، އިޤްތިޞާދު އަވަހަށް ކޮޅަށް ޖެހި ވަޒީފާގެ އިތުރު ފުރުޞަތުތައްވެސް ލިބިގެންދާނެކަން އައިޑާ ފާހަގަ ކުރެއްވިއެވެ.
މި އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި 13 އިންސައްތަ އާއި 17.5 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ބެލެވިފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތް ހަމައަކަށް އެޅެމުންދާ ވަރަކަށް 2021 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިޤްތިޞާދު 7.9 އިންސައްތަ އާއި 8.5 އިންސައްތައާ ދެމެދުގެ މިންވަރެއްގައި ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.