ކޮވިޑް-19ގެ ހާލަތާ ގުޅިގެން ކަރަންޓުގެ އަސާސީ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް އެތަކެއް ދުވަހެއް ވަންދެން އޮފީހުގައި ލޮކްޑައުންވެގެން ތިބި ސްޓެލްކޯގެ 217 މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.
މި 217 މުވައްޒަފުންނަކީ މާލެ، ހުޅުމާލޭގެ އިތުރުން ވިލިމާލޭގެ ސްޓެލްކޯގެ ބްރާންޗުތަކުގައި ލޮކްޑައުންވެގެން މަސައްކަތްކުރި މުވައްޒަފުންނެވެ. 60 ދުވަަހަށް ފަހު މުވައްޒަފުން ލޮކްޑައުނުން ދޫކޮށްލާފައި ވަނީ ހޯމަ ދުވަހެވެ. ސްޓެލްކޯ މުވައްޒަފުން ކުރި މަސައްކަތުގެ އަގު ވަޒަންކޮށް އެ ކުންފުނިން ވަނީ ހަނދާނީ ލިޔުންދީފައެވެ.
ސްޓެލްކޯގެ ހެޑް އޮފީހުގައި ހޯމަ ދުވަހުގެ ހަވީރު ނިއު ނޯމަލްގެ އުސޫލުތަކާއެކު ބޭއްވި ރަސްމިއްޔާތެއްގައި، މުވައްޒަފުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ. ވިލިމާލޭގައި ލޮކްޑައުންވެގެން ތިބެގެން މަސައްކަތްކުރި މުވައްޒަފުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފެވެ. އަދި ހުޅުމާލޭގައި ތިބި މުވައްޒަފުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ.
ލޮކްޑައުންގައި ދެ މަހަށްވުރެ ގިނަ ދުވަސް ވަންދެން ތިބި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވަމުން މުޣުނީ ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި ކުންފުނީގެ މުވައްޒަފުން ކޮށްފައިވަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އެ މުވައްޒަފުންގެ ފަރާތުން ފެނުނު ކެތްތެރި ކަމަށް ސްޓެލްކޯގެ އެމްޑީ ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އޭނާ ވިދާޅުވީ، މުވައްޒަފުން ލޮކްޑައުނުން ދޫކޮށްލިއިރު، އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު ކޮވިޑް-19ށް ޕޮޒިޓިވް ވެފައިނުވާ ކަމަށެވެ.
ލޮކްޑައުންގެ ތެރޭގައި އެކި އިދާރާތަކަށް ބޭނުންވާ އެހީތެރިކަން ސްޓެލްކޯއިން ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ބައެއް ފެސިލިޓީތަކަށް ކަރަންޓު ދިނުމަށް ކުންފުނީގެ އެކި ސާމާނުތަކާއި, ކުންފުނީގެ ޓެކްނިކަލް ސަޕޯޓް ވަނީ ފޯރުކޮށްދީފައެވެ. އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާ ކޮވިޑް ވިލެޖުގެ މަސައްކަތްތައް ފެށުމަށް ވަގުތީ ކަރަންޓުލުމާއި ހިސާބުން ފަށައިގެންގޮސް މުޅި ފެސިލިޓީ އެއްކޮށް ނިމި, ޚިދުމަތް ބޭނުން ކުރެވެންދެން ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ޓެކްނިކަލް ސަޕޯޓާއި, ސާމާނު ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ލޮކްޑައުންގެ ހާލަތުގައި ގޭގެއަށް ގޮސް ރީޑިން ނެގުން އެއީ އެންމެ ރައްކާތެރި ގޮތަކަށް ނުވާތީ، ފާއިތުވި މަސްތަކުގެ ބިލްތައް ސްޓެލްކޯއިން ހަދަމުން އައީ އެ ކުންފުނީގެ ވެބް ޕޯޓަލް މެދުވެރިކޮށް ލިބެމުން ދިޔަ މީޓަރުގެ ފޮޓޯތަކަށެވެ. އެކަމަކުވެސް މާލޭގައި އިއުލާން ކޮށްފައިވާ ލޮކްޑައުނަށް ލުއިތަކެއް ދޭން ފެށުމާއި ގުޅިގެން ސްޓެލްކޯއިން ވަނީ، މި މަހުގެ ބިލް ހެދުމަށްޓަކައި ކުރިންވެސް އަމަލު ކުރަމުން އައިސްފައިވާ ގޮތަށް ގޭގެއަށް ގޮސް މީޓަރުތަކުގެ ރީޑިން ނަގަން ފަށާފައެވެ.
ކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަމެއް ދޭންޖެހޭތީ، މިހާލަތާ ގުޅިގެން ވަދެ ނުކުމެ އުޅުމުގައި ދަތި ތަންތަނަށް ބިލް ހަދަމުން ދާނީ ކުންފުނީގެ ވެބް ޕޯޓަލް މެދުވެރިކޮށް ލިބޭ ފޮޓޯއަށް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.