ދިވެހި ރާއްޖޭގެ އެއްވެސް ތަންކޮޅެއް ބޭރު ގައުމަކަށް ވިޔަސް ބޭރު ކުންފުންޏަކަށް ވިޔަސް ވިއްކާލައިގެން ނުވާނެ ކަމަށާއި، ރާއްޖޭގެ އެންމެ ވެލިފުކެއް ވިއްކާލާތަން ބަލާކަށް އެމްޑީޕީއަކުން ނޯންނާނޭ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އަލްއުސްތާޛް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާޢީދު ހޯއްދެވުމަށް ފ.ފީއަލީގައި ބޭއްވި ޖަލްސާގައި ހަސަން ލަތީފް ވިދާޅުވީ ފާފު އަތޮޅުގައި ސަރުކާރުން ތަރައްގީގެ ޕްރޮޖެކްޓެއް ހިންގަން އުޅެގެން އެމްޑީޕީން އެއްވެސް ވަރަކަށް ކަންބޮޑު ނުވާ ކަމަށާއި، ކަންބޮޑުވަނީ ސަރުކާރުން ފާފު އަތޮޅަށް ހަދަން އުޅޭ ގޮތެއް ސާފުނުވާތީ ކަމަށެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ އަޑާ ވައްތަރު އަޑަކުން ދައްކާފައިވާ ވާހަކަތަކަކުން ފާފު އަތޮޅު ވިއްކާލަން އުޅެނީކަން އެނގިވަޑައިގަންނަވާ ކަމަށާއި، އަދި އެކަމުގެ ސަބަބުން ރައްޔިތުން ރުޅިއަންނާނެ ވާހަކަ ވެސް އެ އޯޑިއޯއިން އިވޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ހަސަން ވިދާޅުވީ އެމްޑީޕީގެ މެންބަރުން ސަރުކާރުން ފާފު އަތޮޅަށް ހަދަން އުޅޭ ގޮތެއް ސާފުކުރުމަށް ތަކުރާރުކޮށް އެތައް ފަހަރަކު އެދިއްޖެ ކަމަށާއި، އެހެން ނަމަވެސް އެއަށް ޖަވާބު ދިނުމުގެ ބަދަލުގައި ފާފޭ ކިޔާ ހިސާބުން ސަރުކާރުން އެކަން ގާނޫނީ ކުށަކަށް ހައްދަވާ ކަމަށެވެ. އަދި ފާފު އަތޮޅު ވިއްކާ ނުލާށޭ ބުނާ ތަނުން އެކަން ގާނޫނީ ކުށަކަށްވެ، ޖަލަށް ދާން ޖެހެނީ ކީއްވެގެންކަން އެނގިވަޑައި ނުގަންނަވާ ކަމަށް ހަސަން ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ހަސަން ލަތީފު ވިދާޅުވީ ތަރައްގީއަށް ހުރަސް ނާޅާށޭ ސަރުކާރުން ކިޔާއިރު، އެ މަޝްރޫއުތައް ހިންގާ އިރު، ކޮންމެވެސް ބައެއްގެ ޖީބަށް ބައެއް ވަންނަ ގޮތަށް ނޫނީ އެއްވެސް މަޝްރޫއެއް ކުރިޔަށް ގެންގޮސްފައި ނުވާ ކަމަށާއި، އެ މަންޒަރު ބަލަން އެމްޑީޕީން މަޑުން ނޯންނާނޭ ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ އެ ދާއިރާގެ މެންބަރު ނުބައި މަގުން ކަންކުރައްވާ ނަމަ، އެކަން ރަނގަޅުކުރުވަން މަސައްކަތް ކުރުމަކީ އެ ދާއިރާއެއްގެ ރައްޔިތުންގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބު ކާމިޔާބު ކުރައްވައި، އެ ޕާޓީ ދޫކޮށް މިހާރު ޕީޕީއެމްއާ ގުޅިވަޑައިގެން ހުންނެވި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން އެނބުރި ޖުމްހޫރީ ޕާޓީއަށް ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުދެއްވުމަށް މުބީނަށް ދެންނެވުމަށް އެ ދާއިރާގެ އާންމު މެންބަރުންގެ ކިބައިން ހަސަން ލަތީފް އެދިވަޑައިގެންނެވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކާމިޔާބު ހޯދައިދިނުމަށް ކުރަން ޖެހޭ އެއްވެސް ކަމަކަށް އެމްޑީޕީން ފަސްނުޖެހޭނޭ ކަމުގެ ޔަގީންކަން ރޭގެ ޖަލްސާގައި ޗެއަރޕާސަން ހަސަން ލަތީފް އެމްޑީޕީގެ މެންބަރުންނަށް ދެއްވިއެވެ.