ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު އާއި އާއްމު ރައްޔިތަކާ ދެމެދު ހިނގި ދެބަސްވުމެއްގެ ތެރޭގައި އޭނާއަށާއި އަނބިކަނބަލުންނަށް ހަމަލާދިންކަމަށް ބުނެ، ހަގީގަތާއި ޚިލާފު އިލްޒާމުތަކެއް އަޅުވައި އެމައްސަލަ ފުލުހުންނަށް ހުށަހަޅައި އާންމު ރައްޔިތު މީހާއަށް ނުހައްގުން އިތުރު އަދަބެއް ދިނުމަށް މަސައްކަތް ކުރަމުންދާތީ މިކަން ސަރުކާރާއި މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ އެއް ހުށަހަޅައި ބަހުސް ފަށައިފި އެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރ މުހައްމަދު ވަހީދެވެ. ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވަހީދު ވިދާޅުވީ ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓިކް އުސޫލުން ރައްޔިތުން އިންތިޚާބުކުރި ވެރިކަން 7 ފެބްރުއަރީ 2012 ގައި ބަޣާވާތަކުން ވައްޓާލުމަށްފަހު ވެރިކަމާ ހަވާލުވި ޑރ މުހައްމަދު ވަހީދު ހަސަން މަނިކު އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އާންމު ރައްޔިތަކާ ދެމެދު ހިނގި ދެބަސްވުމެއްގައި އޭނާ އަށާއި އަނބިކަނބަލުންނަށް ހަމަލާދިން ކަމަށް ބުނެ ދޮގު ހަދައި ހަގީގަތާއި ޚިލާފު އިލްޒާމުތަކެއް އަޅުވައި ބިރު ދައްކާފައިވާ ކަމަށެވެ.
އަދި ބަޣާވާތަށްފަހު ޖެހިގެން އައި 8 ފެބްރުއަރީ 2012 ވަނަ ދުވަހު ސުލްހަވެރިކަމާއެކު ހިނގާފައިދިޔަ އެތައް ހާސް ރައްޔިތުންނަށް ފުލުހުންނާ ސިފައިން މެދުވެރިކޮށް ބޮޑެތި ލާއިންސާނީ އަނިޔާކޮށް އަދި އޭގެފަހުންވެސް އެތައް ފަހަރެއްގެ މަތިން އެތައް ދުވަހަކު އެތައް ބޮޑެތި އަނިޔާތައްދީ އެތައް ބަޔަކު ނުހައްގުން ހައްޔަރުކޮށް ޖަލަށް ލައި، އެތައް ހައްގުތަކަކަށް އަރައިގަނެ އަދި މިގޮތުން އެތައް އަނިޔާއެއް ލިބުނު އެކެއްކަމުގައި ބުނެވިދިޔަ އާންމު ރައްޔިތު މީހާ ވީހިނދު އަދި އޭނާއަށް ލިބުނު އަނިޔާތަކުގެ ވޭނާއި އަސަރު އަދި އަދަށްވެސް ފިލައި ނުގޮސް އިންސާފު ނުލިބި ދިގުލައި ގޮސްފައިވަނިކޮށް މަގުމަތިން ބައްދަލުވެ އަނގައިން ބުނެލި ބަހަކަށް ލަފުޒަކަށްޓަކައި ދޮގާ މަކަރުގެ ބަދުނާމެއް އަޅުވައިގެން ބާރާ ނުފޫޒުން ފުލުހުންނަށް މައްސަލަ ހުށަހަޅައި އޭނާއަށް އަނެއްކާވެސް ނުހައްގުން އިތުރު އަދަބެއް އަނިޔާއެއް ދޭން މަސައްކަތްކުރަމުން ގެންދާތީ މިކަން ސަރުކާރާއި މިމަޖިލީހުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ ހުށަހަޅަންއުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރ މުހައްމަދު ވަހީދެ
މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 33 މެމްބަރުން ވަނީ މިމައްސަލައަށް ބަހުސްކުރުމަށް ފެންނަކަމަށް ވޯޓު ދެއްވާފަ އެވެ. އެއާއެކު މެމްބަރުން ގެންދަވަނީ އެމައްސަލައަށް ބަހުސް ކުރައްވަމުންނެވެ.