ރާއްޖެއިން ކޮވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު އިތުރުވެ، ފަރުވާދެމުންދާ މީހުންގެ އަދަދު 714ށް ދަށްވެއްޖެއެވެ.
އާދިއްތަ ދުވަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ، އާދިއްތަ ދުވަހުގެ ހަވީރު 06:00 ގެ ނިޔަލަށް ރާއްޖެއިން ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު 1311ށް އަރާފައިވާ ކަމަށާއި، އިތުރު 22 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު ރާއްޖޭގެ މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 714 ކަމަށްވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
އެޗްޕީއޭއިން ބުނީ، ރާއްޖެއިން އިތުރު 22 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި، ބަނގްލަދޭޝްއަށް ނިސްބަތްވާ 9 މީހުންގެ އިތުރުން، އިންޑިއާއަށް ނިސްބަތްވާ ރައްޔިތަކާއި، ތައިލޭންޑަށް ނިސްބަތްވާ ރައްޔިތެއްގެ އިތުރުން، ނޭޕާލަށް ނިސްބަތްވާ 2 މީހުން ކަމަށެވެ.
އޭގެ ތެރެއިން 6 ދިވެހިންނަކީ މިހާރުވެސް ފެނިފައިވާ ކްލަސްޓަރ ތަކާ ގުޅުންހުރި މީހުން ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވިއެވެ. އަދި ބާކީ ތިބި 3 ދިވެހިންގެ ކްލަސްޓަރ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ބިދޭސީންގެ ތެރެއިންވެސް 5 ބިދޭސީއެއްގެ ކްލަސްޓަރ ދެނެގަނެވިފައި ނުވާކަމަށް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު އިތުރަށް ވިދާޅުވީ، އާދިއްތަ ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 83 އަހަރުގެ ދިވެއްސެއް ހިމެނޭ ކަމަށާއި، އޭނާއަކީ ހައިޕަރޓެންޝަން ފަދަ އިތުރު ބަލިތަކެއް ތަޙައްމަލު ކުރަމުންދާ ފަރާތަކަށް ވުމާއެކު، ބަލީގައި ޙާލު ބޮޑުވުން އެކަށީގެންވާ ކަމަށެވެ.
އެއާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދުވެސް ވަނީ 2035ށް އަރާފައެވެ.