ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޙަރަކާތްތަކުގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ އިބްރާހީމް ޖައުފަރު، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ހަމަލާދިން ކަމަށް ބުނެ ދައްކަވަމުން ގެންދަވަނީ ހަޤީގަތާ ޚިލާފް ވާހަކަތަކެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެކަން ކުއްވެރިކޮށް އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީން ކޮށްފައިވާ ބަޔާނެއްގައި ވަނީ މި ހާދިސާ ހިނގިގޮތްކަމަށް އެނގިފައިވާގޮތުން، އުސްފަސްގަނޑު ސަރަޙައްދު މަގުމަތިން ޖައުފަރު، ނުރުހުމުގެ ބަސްތަކަކުން އަދި “ބާޣީ” ގެ ނަމުން ޑރ. ވަހީދާއި މުޚާތަބުކުރައްވާފައިވަނީ، އޭނާއާ ދިމާއަށް ޑރ. ވަހީދު ވަނަމަކުން ގޮވައި މުޚާތަބުކުރެއްވުމުން އުފެދުނު ޒުވާބެއްގެ ތެރެއިންް ކަމަށެވެ.
މިގޮތަށް ހަމައެކަނި ބަސްތަކަކުން މުޚާތަބުކޮށްފައިވާއިރު “ޖިސްމާނީ ޙަމަލާއެއް” ދީފިކަމަށް ދޭހަވާގޮތަށް ޑރ. ވަހީދު ޓްވީޓްކުރެއްވުމަކީ ޙަޤީޤަތް އޮޅުވާލެއްވުމުގެ ގޮތުން ކުރެއްވިކަމެއްކަމުގައި އެޕާޓީން ދެކޭ ކަމަށެވެ.
ރައީސް މުޙައްމަދު ނަޝީދުގެ ނައިބު ރައީސަކަށް ހުންނަވައިގެން، އެމަނިކުފާނުގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށްފަހު، ބަޣާވާތުގެ ވެރިކަން ދިފާޢުކުރެއްވުމަށްޓަކައި ރައްޔިތުންނަށް ޖިސްމާނީ ބޮޑެތި އަނިޔާތައް ދީފައިވާއިރު، އޭގެތެރެއިން ޖައުފަރަށް ވެސް ނުހަނު ބޮޑެތި ލާއިންސާނީ އަނިޔާތައް ކޮށްފައިވާ ކަމަށް ބަޔާނުގައި ވެއެވެ. އަދި އޭނާއަށް ލިބުނު އަނިޔާތަކުގެ އަސަރުގައި މިހާރުވެސް ދޭތެރެ ދޭތެރެއިން ޝޮކްޖެހި ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާކުރަންޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
ޑރ. ވަހީދު ވެރިކަމުގައި ހުންނެވިއިރު، ޖައުފަރަށް ކުރި ލާއިންސާނީ ބޮޑެތި އަނިޔާތައް ތަޙްޤީޤުކުރެވި އޭނާއަށް އިންސާފު ލިބިދެވިފައި ނުވާއިރު، އޭނާއަށް އެއަނިޔާތައް ކުރިމަތި ކުރުވި ޑރ ވަހީދު މުޚާޠަބުކޮށް އޭނާ ނުރުހުމުގެ ބަސްތަކެއް ރައްދުކުރެއްވުމުން، އެކަމަށްޓަކައި އޭނާގެ މައްޗަށް ޖިނާޢީ ތަޙްޤީޤު ހިންގައި، ދައުވާ ކޮށް، އަދަބު ދިނުމަށް ޑރ. ވަހީދު ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުއްވިކަމީ ޑރ. ވަހީދުގެ ލާއިންސާނިއްޔަތުކަމާއި، އަނިޔާވެރިކަމާއި، ގޮތެއްފޮތެއް ނެތްކަން އަނެއްކާވެސް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިން އަމަލެއްމޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ބަޔާން
ޑިމޮކްރެޓިކް އުސޫލުން ފުރަތަމަ ފަހަރަށް ރައްޔިތުން އިންތިޚާބުކުރި ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު ރައްޔިތުންނަށް ކުރި ލާއިންސާނީ އަނިޔާއާއި ދިވެހިރާއްޖެއަށް ދިން ބޮޑު ގެއްލުމަށް އިންސާފުލިބިފައިނުވާއިރު، އެއަނިޔާ ދިނުމުގެ މުގުލުގައި ތިއްބެވި ބޭފުޅުންނާމެދު ނުރުހުމުގެ ޝުޢޫރުތައް ރައްޔިތުން ފާޅުކުރަމުން ގެންދާނޭ ކަމީ ޑރ. ވަހީދު ވެސް ޤަބޫލުކުރައްވަންޖެހޭނޭ ޙަޤީޤަތް ކަމަށް އެމްޑީޕީން ބުނެއެވެ.