ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށް ވަކިވަކިން ނަމާދު ކުރެވޭ ގޮތަށް މާލެ ސަރަހައްދުގެ މިސްކިތްތައް ހުޅުވާލައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލެ ސިޓީގެ މިސްކިތްތައް މުޅިން ބަންދުކޮށްފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ޙާލަތަށް ރިޢާޔަތްކޮށް އެކިމަރުޙަލާތަކަށް ބަހާލައިގެން ލޮކްޑައުންގެ ޙާލަތަށް ލުއިތަކެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ނިންމާފައިވާތީ، މިހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ޖަމާޢަތް ހެދުމަކާނުލައި، މިސްކިތުގައި ނަމާދުކުރުމަށް ބޭނުންވާ މީހުންނަށް މިސްކިތްތައް ހުޅުވާލުން އެންމެ ރަނގަޅުވާނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި، ޓެކްނިކަލް އެޑްވައިޒަރީގްރޫޕް(ޓެގް) ޓީމާއި، ދީނީ ޢިލްމުވެރިން މިނިސްޓްރީއަށް ލަފާދެއްވާފައިވާތީ، އާދީއްތަ ދުވަހުގެ (މިއަދު) ގެ މަޣްރިބު ނަމާދުން ފެށިގެން ގްރޭޓާރ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު) ގެ ހުރިހާ މިސްކިތްތައް ހުޅުވާލުން އެންމެ ރަނގަޅުކަމަށެވެ.
މިގޮތުން މިސްކިތްތައް ހުޅުވާލާއިރު ސިޓީކައުންސިލުން ސަމާލުކަން ދޭންވީ ކަންކަން ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި ހިމެނެނީ
- ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓު އަޅަފައި ނެތުން
- ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން
- މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން
- މި ޙާލަތުގައި އެއަރކޯނު ބޭނުން ނުކުރުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން މިސްކިތަށް ނަމާދަށް ދާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންކަން ވެސް ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި ހިމެނެނީ
- ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން
- މުސައްލައެއް ގެންދިއުމާއި މާސްކު އެޅުން
- މިސްކިތައް ވަނުމުގައި އަދި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން
- މުސައްލަ އެޅުމުގައި ގައިދުރުކަން ބެއްޓުމާއި، އެމީހެއްގެ މުސައްލަ މަތީގައި މެނުވީ ނަމާދު ނުކުރުން
- ރޯގާ ޖެހި ނުވަތަ ހުން އައިސް ނުވަތަ ކެއްސާނަމަ މިސްކިތަށް ނުދިއުން
- ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުން
- ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ޢުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުން
- މިސްކިތުގައި އަދި މިސްކިތުން ބޭރުގައިވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުން
- މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުމަށް ވަނީ އެދިފައެވެ.
މިނިސްޓްރީން ބުނީ މި ކަންކަމަށް ސަމާލުކަން ދިނުމާއެކު ގްރޭޓާރ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ވަކިވަކިން ނަމާދު ކުރުން އެންމެ ރަނގަޅު ކަމުގައެވެ. އަދި މިގޮތަށް މިސްކިތްތައް ހުޅުވާލިކަމުގައި ވީނަމަވެސް އިމާމާ މިސްކިތުގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރާގޮތަށް ހަމަޖެހިފައިނުވާތީ، އިމާމުން ބަންގީގެ ފަހުގައި "ސައްލޫ ފީ ބުޔޫތިކުމް" މިފަދައިން 2 ފަހަރު ގޮވުމަށް ވަނީ އަންގާފައެވެ.
މިނިސްޓްރީން ބުނީ މިސްކިތްތައް ހުޅުވާލުމުގައި ސަމާލުކަން ދިނުމަށް ފާހަގަ ކޮށްފައިވާ ކަންކަމަކީ މިހާރުގެ ޙާލަތަށް ރިޢާޔަތްކުރެވިގެން ކަނޑައެޅިފައިވާ މިންގަނޑުތަކެއް ކަމަށެވެ. ނަމަވެސް ލޮކްޑައުންގެ ޙާލަތަށް ލުއި ދިނުމުގައި މަރުޙަލާތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ، ޙާލަތަށް ރިޢާޔަތްކޮށް އިތުރު ލުއިތަކެއް ދިނުމަށް އެޗްޕީއޭއިން ކަނޑައަޅައިފި ޙާލަތެއްގައި ޖަމާއަތުގައި ނަމާދުކުރުމާ ގުޅޭގޮތުން އިތުރު ލުއިތައް ދެމުން ދާނެ ކަމަށެވެ.