އިރާގުގެ މޫސަލްގެ ބޭރުން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަމާޒުތަކަށް އިރާގު އަސްކަރިއްޔާގެ ހަނގުރާމަމަތީ ޖެޓުތަކުން ދިން ހަމަލާތަކެއްގައި އައިއެސްގެ 100 ހަނގުރާމަވެރިން މަރާލައިފައިވާ ކަމަށް އިރާގު ސަރުކާރުން ހޮނިިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފިއެވެ.
އިރާގުގެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ އިރާގުގެ އެއާ ފޯސްއިން އިރާގުގެ ހުޅަނގު ސަރަހައްދަށް ދެވުނު ހަމަލާތަކެއްގައި އަޔާދު އަލް-ޖުމައިލީ އާއި އެހެނިހެން ވެސް އައިއެސްގެ އެކި ސަރަހައްދުތަކުގެ ކޮމާންޑަރުން މަރާލައިފައިވާ ކަމަށެވެ. އިރާގު އަސްކަރިއްޔާގެ ހަމަލާތަކެއްގައި މިދިޔަ އޭޕްރީލް 31 ގައި އަޔާދު އަލް-ޖުމައިލީ މަރުވެފައިވާ ކަމަށް ރިޕޯޓުތަށް ބުނި ކަމުގައި ވިޔަސް އިރާގުގެ ރަސްމީ މީޑިއާއަކުން މިކަން ކަށަވަރުކޮށް ނުދެއެވެ.
އަލް-ޖުމައިލީއަކީ އައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް ބަޣްދާދީގެ ނައިބެއްގެ ގޮތުން މަސައްކަތްކުރި މީހަކަށްވާއިރު ހޮނިހިރު ދުވަހު އިރާގުގެ ދައުލަތުގެ މީޑިއާ އިން ވަނީ އަޔާދު އަލް-ޖުމައިލީ މަރުވެފައިވާ ކަން ކަށަވަރުކޮށްދީފައެވެ. ޖުމައިލީއަކީ އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސައިންގެ ވެރިކަމުގައި ޖާސޫސީ އޮފިސަރެއް ކަމަށް ރިޕޯޓުތައް ބުނާއިރު، އައިއެސްގެ ޖާސޫސީ ހަރަކާތްތަށް އިރާގާއި ސީރިއާގައި ބެލެހެއްޓީ އޭނާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މޫސަލް މިނިވަން ކުރުމަށް ހިންގާ އޮޕަރޭޝަންގައި ގުޅިފައިވާ ކޯލިޝަނުން ކާމިޔާބީތަކެއް ހޯދަމުންދާއިރު އިރާގުގެ މޫސަލްގައި ހުރި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫބަކުރު އަލް ބަޣްދާދީ މޫސަލް އިން "ފިލައިފައިވާ" ކަމަށް އެމެރިކާގެ އޮފިޝަލުން ދާދިފަހުން ވަނީ ބުނެފައެެވެ. އެމެރިކާގެ ޑިފެންސް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައިވަނީ ބަޣްދާދީ "ފިލާފައިވާ" ކަމަށް ބެެލެވެނީ އޭނާގެ ބާރުތައް މޫސަލްގައި ތިބޭ އައިއެސް ކޮމާންޑަރުންނާ ހަވާލުކޮށްފައި ކަމަށެވެ.
އެމެރިކާ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މޫސަލްއިން ބަޣްދާދީ ފިލާފައި ވަނީ އިރާގު ސިފައިން ދާދިފަހުން މޫސަލްގެ މައި މަގު ހިފުމުގެ ކުރިންނެވެ. ސީރިޔާގެ ބިންތަކާއި، އިރާގުގެ ބިންތައް ހިމެނޭ ގޮތުން އިސްލާމިކް ސްޓޭޓްގެ ނަމުގައި "ޚިލާފަތެއް" އުފެއްދިކަން ބަޣްދާދީ އިއުލާން ކުރީ 2014 ވަނަ އަހަރު މޫސަލްގެ މިސްކިތެއްގައެވެ.