ކ. މާލެ
|
14 ޖޫން 2020 | އާދީއްތަ 09:52
ބަޔާން އާއި މޮންޗެންގްލަޑްބަކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 2-1 ން
ބަޔާން އާއި މޮންޗެންގްލަޑްބަކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
ޖަރުމަން ލީގު
ލީގު ކާމިޔާބުކުރަން ބަޔާނަށް ދެން ބޭނުންވަނީ އެންމެ މޮޅެއް
މޮންޗެންގްލަޑްބަކް އަތުން ބަޔާން މޮޅުވީ 2-1 ން
ޑުސެލްޑޯފް އަތުން ޑޯޓްމުންޑް މޮޅުވީ 1-0 ން

ޖަރުމަން ލީގު ކާމިޔާބުކުރުމާ ފިޔަވަޅަކާ ގާތަށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ޖެހިލައިފިއެވެ.

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ބަޔާނުން ވަނީ ބޮރޫޝިއާ މޮންޗެންގްލަޑްބަކް 2-1 ން ބަލިކޮށްފައެވެ. ލީގުގައި ބާކީ ތިން މެޗު އޮތްއިރު، ޗެމްޕިއަންކަން ހޯދަން ބަޔާނަށް ދެން ބޭނުންވަނީ އެންމެ 3 ޕޮއިންޓެވެ.

ތާވަލުގެ އެއްވަނައިގައި ބަޔާން އޮތީ ކުޅުނު 31 މެޗުން 73 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޑޯޓްމުންޑް ވަނީ ހޮނިހިރު ދުވަހުގެރޭ ފޯޓޫނާ ޑުސެލްޑޯފް އަތުން 1-0 ން މޮޅުވެފައެވެ. މި މޮޅާއެކު ޑޯޓްމުންޑް ދެވަނައިގައި އޮތީ 31 މެޗުން 66 ޕޮއިންޓާއެކު އެވެ.

ބަޔާންގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ ވަރަށް ކުރީކޮޅު މޮންޗެންގްލަޑްބަކަށް ވަނީ ލީޑު ނެގުމަށް ޕެނަލްޓީއެއް ލިބިފައެވެ. އެކަމަކު އެ ޓީމުގެ ޖޯނަސް ހޮފްމަންގެ ޕެނަލްޓީ ކާމިޔާބެއް ނުވެއެވެ.

އޭގެ 10 މިނެޓު ފަހުން ބަޔާނުން ވަނީ މެޗުގައި ލީޑު ނަގާފައެވެ. މެޗުގެ 26 ވަނަ މިނެޓުގައި ބަޔާނަށް މި ލަނޑު ކާމިޔާބުކޮށްދިނީ އުމުރުން 19 އަހަރުގެ ޖޯޝުއާ ޒިރްކްޒީއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މޮންޗެންގްލަޑްބަކުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑަކީ މެޗުގެ 37 ވަނަ މިނެޓުގައި ބަޔާންގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗު އެއްވަރުވާން ދަނިކޮށް ބަޔާނުން އަލުން ލީޑު ނެގީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. ޕަވާޑް ދިން ބޯޅައަކުން މި ލަނޑު ބަޔާނަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެއޯން ގޮރެޓްޒްކާއެވެ.

މޮންޗެންގްލަޑްބަކް ބަލިކޮށް ލީގު ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ބަޔާން ޖެހިލިއިރު، ލީގުގައި މި މަހުގެ 20 ވަނަ ދުވަހުގެރޭ ފްރެއިބާގާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ޖެހިޖެހިގެން އަށްވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބަޔާނަށް އެބައޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް