ކ. މާލެ
|
14 ޖޫން 2020 | އާދީއްތަ 09:54
ނާޕޮލީ އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެން
ނާޕޮލީ އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެން
ގެޓީ އިމޭޖަސް
އިޓާލިއަން ކަޕް
އިންޓަ ކަޓުވާލައި ނާޕޮލީ އިޓާލިއަން ކަޕްގެ ފައިނަލަށް
ދެވަނަ ލެގުގައި ނާޕޮލީ އާއި އިންޓަ ވަނީ 1-1 ން އެއްވަރުވެފައި
ނާޕޮލީއަށް ކުރި ލިބުނީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން
ފައިނަލްގައި ނާޕޮލީ ބައްދަލުކުރާނީ ޔުވެންޓަސްއާ

އިންޓަ މިލާން ކަޓުވާލުމަށްފަހު އިޓާލިއަން ކަޕް ފައިނަލްގެ ފަހު ޖާގަ ނާޕޮލީ ހޯދައިފިއެވެ.

ފައިނަލްގެ ފަހު ޖާގަ ނާޕޮލީ ހޯދީ ހޮނިހިރު ދުވަހުގެރޭ ކުޅުނު ސެމީފައިނަލް ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި އިންޓައާ 1-1 ން އެއްވަރުކޮށް، އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ. ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުން ނާޕޮލީ ވަނީ 1-0 ން އިންޓަގެ މައްޗަށް ކުރި ހޯދާފައެވެ. އެހެންކަމުން އެގްރިގޭޓުން ނާޕޮލީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު އިންޓައިން ވަނީ ލަނޑު ޖަހާ ފައިނަލްގެ އުންމީދު އާކޮށްފައެވެ. މެޗު ފަށައިގެން ދެވަނަ މިނެޓުގައި ކޯނަރަކުން މި ލަނޑު އިންޓައަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންއެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ނާޕޮލީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 41 ވަނަ މިނެޓުގައި ލޮރެންޒޯ އިންސީނިއޭ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ނާޕޮލީއަށް ކާމިޔާބުކޮށްދިނީ ޑްރީސް މާޓެންސްއެވެ.

މިއީ ބެލްޖިއަމްގެ ތަރި ނާޕޮލީއަށް ޖަހައިދިން 122 ވަނަ ލަނޑެވެ. މިއާއެކު އޭނާ ވަނީ ނާޕޮލީގެ ތާރީޚުގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ކުރިން މި ރެކޯޑް އޮތީ ނާޕޮލީގެ ކުރީގެ ކެޕްޓަން ސްލޮވާކިއާގެ މަރެކް ހަމްސިކް އަތުގައެވެ. 121 ލަނޑާއެކު ހަމްސިކް ލިސްޓުގެ ދެވަނައަށް ވެއްޓުނުއިރު، ތިންވަނައިގައި އޮތީ އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާއެވެ.

އިޓާލިއަން ކަޕްގެ ފައިނަލަށް ނާޕޮލީ ދަތުރުކުރިއިރު، ފައިނަލްގައި ނާޕޮލީ ބައްދަލުކުރާނީ މި މުބާރާތް 13 ފަހަރު ކާމިޔާބުކޮށްފައިވާ ޔުވެންޓަސް އާއެވެ. ފައިނަލް މެޗު ކުޅޭނީ އިޓަލީގެ ވެރިރަށް ރޯމްގައި އަންނަ ބުދަ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް