އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި، އިދިކޮޅު ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުން ހުއްޓާލުމަށް ޔޫރަޕިއަން ޔޫނިއަނުން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމާ އެކު ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވަނިކޮށް، ޔޫރަޕިއަން ޔޫނިއަނާއި، ކެނެޑާ, ނޯވޭ، ސްވިޒަލޭންޑްގެ އިތުރުން އެމެރިކާ ގުޅިގެން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރާ އިދިކޮޅު ސިޔާސީ ފަރާތެއް އޮތުމަކީ ވަރުގަދަ ޑިމޮކްރަސީއަކަށް ލާޒިމް ކަމެއް ކަމަށް އެގައުމުތަކުން ބުނާ ބުނުން ތަކުރާރުކޮށްފަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޖަލަށް ލުމުގެ ބިރެއް ނެތި އިދިކޮޅު ސިޔާސި ފަރާތްތަކުން ރާވާ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ.
އެގޮތުން ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އަސާސީ ހައްގުތަކަށް ސަރުކާރުން އިޚްތިރާމް ކުރުން މުހިންމު ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އިޚްތިރާމް ކުރުމުގެ މިނިވަންކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
ބަޔާނުގައި ގައުމުތަކުން ބުނެފައި ވަނީ އަސާސީ ހައްގުތައް ކަށަވަރުކޮށްދޭ މިންވަރު ގާތުން ބަލަމުންދާނެ ކަމަށާއި، އަދި ވަކިން ޚާއްސަކޮށް ކުރިއަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތް ބަލާނެ ކަމަށެވެ.
އީޔޫ އާއި ގިނަ އަދަދެއްގެ ގައުމުތައް ގުޅިގެން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ބުފާސްފަތި ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށް، ސިޔާސީ މައިދާނުގައި އިސްސަފުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގު ދަނީ ހިންގަމުންނެވެ.
ގާސިމް ހައްޔަރުކުރުމާއެކު އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން މި ސަރުކާރު ވެރިކަމަށް އައި ފަހުން ހައްޔަރުކޮށް ނިމުނީ އެވެ. އެގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލާތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ މިހާރު ވެސް ތިއްބެވީ ޖަލު ހުކުމެއްގަ އެވެ. އެބޭފުޅުންގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި، ގެލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ވަނީ ހުކުމް އިއްވާފަ އެވެ.