އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ފަށާއިރު، ފުރަތަމަ ބުރުގެ މެޗުތަކުގައި ކުޅުންތެރިންގެ ޖާޒީގެ ފަހަތުގައި ނަމުގެ ބަދަލުގައި، ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ހިންގާ ކެމްޕެއިނަށް ހިތްވަރުދޭ މެސެޖެއް ޖަހަން ނިންމައިފިއެވެ.
އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން ގިނަ ކުޅިވަރު ތަރިން އަންނަނީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެގޮތުން ޕްރިމިއާ ލީގުގެ ޓީމުތަކުން ދާދި ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ވެސް ވަނީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅު މެސެޖުތަކެއް ދީފައެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19)އާ ގުޅިގެން މެދުކަނޑާލި ޕްރިމިއާ ލީގުގެ ކުޅުން އަލުން ފެށުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހެވެ. ލީގު އަލުން ފަށާއިރު، ފުރަތަމަ ބުރުގެ މެޗުތަކުގައި ކުޅުންތެރިންގެ ޖާޒީގައި ޖަހަން ނިންމާފައިވަނީ "ބްލެކް ލައިވްސް މެޓާ" މިހެންނެވެ. މިއީ ބުރާސްފަތި ދުވަހު ބޭއްވި ޕްރިމިއާ ލީގުގެ ބައްދަލުވުމަށް ލީގުގެ ގިނަ ކްލަބުތަކެއްގެ ކެޕްޓަނުން ހުށަހެޅި ކަމެކެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ޕްރިމިއާ ލީގުން ވަނީ މެޗުތައް ފެށުމުގެ ކުރިން ޓީމުތަކުން ބޭނުންނަމަ ކަކޫ ޖައްސައިގެން ފްލޮއިޑްގެ ހަނދާނީ ކެމްޕެއިންގައި ބައިވެރިވުމަށް ފުރުސަތު އޮންނާނެ ކަމަށް ބުނެފައެވެ. އަދި އެކަމާ ގުޅިގެން ފިޔަވަޅެއް ނާޅާނެ ކަމަށް ޕްރިމިއާ ލީގުން ވަނީ ބުނެފައެވެ.
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ޕްރިމިއާ ލީގުގައި ކުޅުންތެރިންނާއި ޓީމުތަކުންވެސް އަޑު އުފުލަމުން އަންނައިރު، މީގެ ކުރިން މެންޗެސްޓާ ސިޓީގެ ފޯވާޑް ރަހީމް ސްޓާލިން އާއި އެޓީމުގެ ފޯވާޑް ގަބްރިއެލް ޖީސޫސްވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. އެގޮތުން މިވަގުތު ކުރިމަވެފައި އޮތް ހަމައެކަނި ބަލިމަޑުކަމަކީ ނަސްލީ ތަފާތުކުރުން ކަމަށް ސްޓާލިން ބުނިއިރު، ޖީސޫސް ވަނީ ނސްލީ ތަފާތުކުރާ މީހުންނާއި، އެކަމަށް ހިތްވަރުދޭ މީހުންގެ ސިކުނޑި މުޅިއަކުން ހަމައެއް ނޫން ކަމަށް ބުނެފައެވެ.
މި މަހުގެ 17 ވަނަ ދުވަހު ޕްރިމިއާ ލީގު އަލުން ފަށާއިރު އެރޭ ދެ މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި އެސްޓަން ވިލާ ކުޅޭނީ ޝެފީލްޑް ޔުނައިޓެޑާ އެވެ. އަދި ދެވަނަ މެޗުގައި މެންޗެސްޓާ ސިޓީ ދަނޑުގައި އެ ޓީމު ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ.