ފަސް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަގާއި ތުހުމަތު ކުރެވޭ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރަކަށް ކޮމިޝަނަރ އޮފް ޕޮލިސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހު އެދިވަޑައިގެންފިއެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ސީޕީ މުހައްމަދު ހަމީދު އެދިވަޑައިގެންނެވި މީހާއަކީ، 11 އަހަރުގެ އަންހެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކުރި 38 އަހަރުގެ ދިވެހި ފިރިހެން މީހާއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ (ހ) ށް އިޝާރާތްކުރައްވާ ސީޕީ ވިދާޅުވީ، އެ މާއްދާގެ ދަށުން ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި މީހާ، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށް އެދި ޕީޖީ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ (ހ) ގައި ބުނާ ގޮތުން، އެ ގާނޫނުން ލިބިދޭ ހާއްސަ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި، އެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ، ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް، ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުން އެދި، ކޮމިޝަނަރ އޮފް ޕޮލިހަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އަރިހުގައި އެދެވިދާނެ އެވެ.
11 އަހަރުގެ އަންހެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވަނީ ހުކުރު ދުވަހުގެރޭ އެވެ. އަނިޔާ ލިބިފައިވާ ކުއްޖާއަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގުޅުންހުރި އިދާރާތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައި އެވެ. އަދި އަނިޔާ ލިބިފައިވާ ކުއްޖާ މިހާރު ރައްކާތެރި މާހައުލަކަށް ބަދަލު ކުރެވިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.