ދިވެހި ރެޑް ކްރެސެންގައި މަސައްކަތްކުރާ ދަރުމަވެރިޔަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެ އެވެ.
ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖަށް ފޯނުން މައުލޫމާތުދެއްވަމުން ދިވެހި ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ، މިމަހުގެ 12 ވަނަ ދުވަހު ދިވެހި ރެޑް ކްރެސެންޓްގެ ދުރުމަވެރިޔަކު ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ހިމްޔާ ވިދާޅުވީ، ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިޔަކު ކޮވިޑް-19ށް ޕޮޒިޓިވް ވުމާއެކު އޭނާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދެވިފައިވާ ކަމަށެވެ. އަދި ކޮވިޑް-19ށް ޕޮޒިޓިވްވި މީހާއާއެކު، މަސައްކަތްކުރި ހައެއްކަ ދަރުމަވެރިންވެސް މިހާރު ވަނީ ކަރަންޓީނަށް ގެންދެވިފަ ކަމަށެވެ.
އަޅުގަނޑުމެން މިހާތަނަށް ދިޔައީ ވަރަށް ނަސީބު ގަދަކޮށް. އެއްވެސް ވޮލަންޓިއަރެއް އިއްޔެއާ ހަމައަށް ޕޮޒިޓިވްނުވޭ، ނަމަވެސް މީގެކުރިން ކޮވިޑް-19ށް ޝައްކު ކުރެވިގެން، ނުރައްކަލަށް ހުށަހެޅިގެން ބައެއްކުދިން ކަރަންޓީން ކުރެވުނު، އެކަމަކު އެއްވެސް ކުއްޖަކު ޕޮޒިޓިވްނުވޭ. އެހެންނަމަވެސް އިއްޔެ (މިމަހުގެ 12 ވަނަ ދުވަހު) އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތްކުރާ އެއްކުއްޖަކު ޕޮޒިޓިވްވެގެން މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވިފައި. އަދި އެވޮލަންޓިއަރާއެކު މަސައްކަތްކުރި ހައެއްކަ ކުދިންވެސް ވަނީ ކަރަންޓީނަށް ގެންދެވިފައި.ދިވެހި ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ
ހިމްޔާ ވިދާޅުވީ ކުރާ މަސައްކަތްތަކުގެ ގޮތުން، އަދި ހާއްސަކޮށް، ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރާ ދަރުމަވެރިންނަކީ އާންމުކޮށް ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި އަދި ފްރަންޓްލައިނުގައި ވަރަށް ގިނަ ވަގުތުތަކެއް ހޭދަކުރާ މީހުންނަށްވެފައި، އަދި ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން މިމަސައްކަތުގައި އުޅޭތާ ދެ މަސްދުވަސްވާއިރު މިފަދަ ކަމެއް ހިނގުމަކީ ވެދާނެ ކަމެއްކަަށެވެ.
ހިމްޔާ ވިދާޅުވީ މީގެކުރިންވެސް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިންތަކެއް ކޮވިޑް-19ށް ޝައްކުކުރެވިގެން ކަރަންޓީން ކުރެވުނު ކަމަށާއި ނަމަވެސް އެފަހަރު އެއްވެސް މީހަކު ކޮވިޑް-19ށް ޕޮޒިޓީވް ވެފައިނުވާތީ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެމީހުން ދިވެހި ރެޑް ކްރެސެންޓްގެ މަސައްކަތްތަކުގައި ބައިވެރިވަމުންދާ ކަމަށްވެސް ހިމްޔާ ވިދާޅުވި އެވެ.
ރާއްޖޭގައި ހިނގާ ހާދިސާތަކާއި ކާރިސާތަކުގައި ދިވެހި ރެޑް ކްރެސެންޓްގެ ހިދްމަތްތައް ލިބިގެންދާއިރު، ކޮވިޑް-19 ރޯގާއާއި ގުޅިގެންވެސް ދިވެހި ރެޑްކްރެސެންޓްގެ މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. ދިވެހި ރެޑް ކްރެސެންޓްގައި މަސައްކަތްކުރާ މީހުންނަކީ އެއްވެސް އުޖޫރައަކާ ނުލައި ހިލޭ ސާބަހަށް މަސައްކަތްކުރާ ދަރުމަވެރިންނެވެ.