ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގެ ޢަބްދުﷲ ލުޠުފީ ފިލި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދަމުން އަންނައިރު، މި މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށެވެ.
25 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަގޮތަށް ފިލި މައްސަލާގައި ލުތުފީގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ "މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ" އެވެ. މި ދައުވާ ލުތުފީގެ މައްޗަށް އުފުލާފައިވަނީ މިއަހަރުގެ މާރޗު މަހުގެ 2 ވަނަ ދުވަހުއެވެ.
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ލުޠުފީ އިސްވެ ހުރެ ބޭރުގެ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ދިން ރަހުމް ކުޑަ ޢުދުވާނީ ޙަމަލާގައި 19 ދިވެއްސަކު ޝަހީދު ކޮށްލިއެވެ.
އެ ޙަމަލާއާ ގުޅިގެން ލުޠުފީ މަރަން ޙުކުމްކުރި އެވެ. ނަމަވެސް އޭރުގެ ސަރުކާރުން އޭނާގެ އަދަބު ލުއިކޮށްދީ އުމުރު ދުވަހުގެ ޖަލު ޙުކުމަކަށް ބަދަލުކުރިއެވެ. ލުޠުފީ ފިލައިގެން ދިޔައީ، ރައީސް ނަޝީދުގެ ސަރުކާރުގައި ބޭސް ފަރުވާއަށް ޤައުމުން ބޭރަށް ފޮނުވާލުމުންނެވެ. އޭގެފަހުން ވެރިކަމަށް އަރާވަޑައިގެންނެވި މުޙައްމަދު ވަހީދު ހަސަންމަނިކާއު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް ލުޠުފީ ހޯދާ ރާއްޖެ ގެނެވިފައެއް ނުވެއެވެ.
އޭނާ ރާއްޖެ ގެނައީ ލަންކާގައި ދިން ޓެރަރިސްޓް ޙަމަލާތަކުގައި، މުޅި ލަންކާ، އެޤައުމުގެ ސިފައިން ބަލާފަސްކުރުމުގެ ތެރެއިން، އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ރާއްޖެ އެމްބަސީއާ ޙަވާލުވުމުން ނެވެ. އަދި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ރާއްޖެ ގެނެސް، ޙުކުމުގެ ބާކީ ބައި ތަންފީޒުކުރުމަށް މާފުށީ ޖަލަށް ފޮނުވާފައެވެ.