މާލެ ސިޓީގެ އަޑިގުޑަން ވެފައިވާ ހުރިހާ މަގެއްގައި އަލުން ގައު އަތުރާ މާރާމާތު ކުރެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އަޑިގުޑަން ވެފައިވާ މަގުތަކުގެ ގައު އަތުރާ މަރާމާތު ކުރުމުގެ މަސައްކަތް މީގެ ހަތަރު ދުވަސް ކުރިން ފަށާފައިވާ ކަމަށެވެ. މި މަސައްކަތް ކުރަނީ ސިޓީ ކައުންސިލްގެ މުވައްޒަފުން ކަމަށް ކައުންސިލުން ބުނެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ބޮޑަށް އިސްކަން ދެނީ އަޑިގުޑަންވެ އުޅަނދުފަހަރު ދުއްވުމަށް ދަތި އުދަނގޫތައް ކުރިމަތިވެފައިވާ މަގުތައް މަރާމާތު ކުރުމަށް ކަމަށެވެ. އަދި ސްކޫލްތައް ހުންނަ މަގުތަކުގެ ގައުތައް ތަރުތީބު ކުރެވި މާރާމާތު ކުރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް އަބަދު ވެސް ކުރިއަށް ދާނެ ކަމަށެވެ. މޫސުން ތަން ދޭ މިންވަރަކުން މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމަށެވެ. އަދި މަގުތަކަކީ ރައްޔިތުންނަށް އަމާން ރައްކާތެރިތަނަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް ކައުންސިލުން ބުނެއެވެ.
އަޑިގުޑަން ވެފައި ހުރި މަގުތަކުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށާފައިވާއިރު، މާލޭގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ވެސް ވަނީ އަލުން ފަށާފައެވެ. 462 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއު ނިމުމުން މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.