ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު ކުޑަކުދިންގެ ތެރެއިން 90 ކުދިން ބަލިން ފަސޭހަވެއްޖެއެވެ.
18 އަހަރުން ދަށުގެ ކުޑަ ކުދިންގެ އުމުރުފުރާގެ ތެރެއިން އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ 10 އަހަރުން ދަށުގެ ކުދިންނެވެ. އެއީ 26 އަންހެން ކުދިންނާއި 37 ފިރިހެން ކުދިން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެޗްޕީއޭއިން ބުނީ މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ތެރެއިން 90 ކުދިން ބަލިން ފަސޭހަވެ ދޫކޮށްލާފައިވާ ކަމަށެވެ. އެއީ 54 ފިރިހެން ކުދިންނާއި، 36 އަންހެން ކުދިން ކަމަށެވެ. ރާއްޖެއިން ބަލި ޖެހި ރަނގަޅުވި ކުދިންގެ ތެރޭގައި ސްރީލަންކާއަށް ނިސްބަތްވާ 4 އަހަރުގެ ފިރިހެން ކުއްޖެއް ވެސް ހިމެނެއެވެ.
ކޮވިޑް-19އަށް ޕޮޒިޓިވްވާ ކުޑަ ކުދިންގެ ތެރެއިން %40 ކުދިންގެ ކިބައިން ބަލީގެ އެއްވެސް ޢަލާމާތެއް ނުފެންނަ ކަމަށް ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެފައިވެއެވެ. ކޮވިޑް-19އަށް ޖުމްލަ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 1962ށް އަރާފައެވެ. މިއާއި އެކު މުޅި ޖުމްލަ 1121 މީހުން ބަލިން ފަސޭހަވެ، ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވަނީ 825ށް އަރާފައެވެ.