ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީވުމަށް ޒަކާތު ފަންޑުން 15 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖެއަށް ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޒަކާތު ފަންޑުން 12 މިލިއަނާއި 15 މިލިއަނާއި ދެމެދުގެ އަދަދެއް ހަރަދުކުރުމަށް ޒަކާތު ކޮމިޓިން ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ހާލަތައް ރިޢާޔަތްކޮށް ހަރަދުކުރަންޖެހޭ ދާއިރާތަށް ބެލުމަށްފަހު އެ ފައިސާ އެކަމާއިބެހޭ އިދާރާތަކަށް ދެމުން ގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޒަކާތުގެ ފައިސާއިން ބޮޑު އަދަދެއް ވަގުތީގޮތުން ހާލުގައި ޖެހޭ ފަރާތްތަކަށް ހަރަދުކުރަމުން އަންނަކަމަށެވެ. އަދި ޒަކާތް ދޭންޖެހޭ ލިސްޓާއި ޒަކާތު ފަންޑުން އެކި ކަންތައްތަކަށް ހަރަދުކުރާ ފައިސާއަކީ ތަފާތު ދޭއްޗެއްކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
ޒަކާތު ކޮމެޓީ އަލުން އެކުލަވާލާފައިވާއިރު، ޒަކާތުގެ ފައިސާ ރަނގަޅަށް ޚަރަދު ކުރުމަށް ޒަކާތުގެ އެޑްވައިޒަރީ ބޯޑެއް އެކުލަވާލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ. އަދި ޒަކާތު އެޑްވައިޒަރީ ބޯޑުގައި ދީނީ ޢިލްމުވެރިންވެސް ތިއްބަވައެވެ.
ޒަކާތު ފައިސާއިން ޚަރަދުކުރަން ނުޖެހޭ ކަމަކަށް ފަންޑުގެ ފައިސާ ޚަރަދުކޮށްފައިނުވާ ކަމަށާއި، ޒަކާތު ފަންޑުން ޚަރަދުކުރަނީ ޙައްޤު ފަރާތްތަކަށް ކަމަށް އިސްލާމިކް މިނިސްްޓްރީން ވަނީ މީގެކުރިން ބުނެފައެވެ.