ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދޭ އުސޫލަށް ބަދަލު ގެނެސް ނެރުނު ސާކިއުލާ ބާތިލުކޮށް، ރަސްމީ ގަޑީގެ ބޭރުން ކުރާ މަސައްކަތަށް އިތުރު ގަޑީގެ ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.
ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ދައުލަތުގެ އޮފީސްތަކުން އިތުރުގަޑީގެ ފައިސާ ދިނުމުގައި މިހާތަނަށް ތަފާތު ގޮތްގޮތަށް އަމަލު ކުރަމުންދާތީ ދައުލަތުގެ އޮފީސްތަކުން އިތުރުގަޑީގެ ފައިސާއަށް ކުރާ ޚަރަދު އަހަރުން އަހަރަށް ބޮޑުވަމުން އަންނަ ކަމަށެވެ.
ސާކިއުލާގައި ބުނީ ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ކުރިމަތިވެފައިނުވާ ފަދަ ބޮޑު ލޮޅުމެއް ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވުމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ކުޑަކުރަން މަޖުބޫރުވެފައިވާތީ، އިތުރު ގަޑީގެ ފައިސާ ދިނުމުގައި އިންސާފުވެރި އަދި ހަމަހަމަ އުސޫލަކުން އަމަލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ވަކި ގޮތްތަކެއް ކަނޑައެޅުމަށް މިނިސްޓްރީ އާއި ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށް ފިނޭންސްގެ ސާކިއުލާގައި ބުނެފައިވެއެވެ.
ސާކިއުލާގައި ބުނީ މެއި 16 ވަނަ ދުވަހުގެ ނެރުނު ދައުލަތުގެ މުވައްޒަފުންގެ އިތުރުގަޑިއާ ބެހޭ ސަރކިއުލަރގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލަށް އަމަލުކުރުން ބާތިލް ކުރެވިފައިވާ ކަމަށެވެ. އަދި އެ ބަދަލާ ގުޅިގެން މެއި 20ގެ ސާކިއުލާއަށް ވެސް އަމަލުކުރަން ނުޖެހޭނެ ކަމަށް ވެސް ސާކިއުލާގައި ބުނެފައިވެއެވެ.
ދައުލަތުގެ އިދާރާތަކުގެ ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކެއް ތަފްސީލާއެކު ފިނޭންސް މިނިސްޓްރީން މެއިމަހު ނެރުނު ސާކިއުލާގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަޅާފައިވާ ފިޔަވަޅުގެ ދަށުން މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދެން ލިބޭނީ 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމުން ކަމަށެވެ. އަދި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑީގެ އިތުރުން، އިތުރުގަޑީގައި ކޮންމެހެން މަސައްކަތް ކުރުވަންޖެހޭ މުވައްޒަފުން ފިޔަވައި، އެހެން މުވައްޒަފުން އިތުރުގަޑީގައި މަސައްކަތް ނުކުރުވާ ގޮތަށް އިދާރާތަކުން ހަމަޖެއްސަން ވާނެކަމަށްވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.
އިތުރުގަޑީގެ ފައިސާ ދޭ އުސޫލަށް ގެނައި ބަދަލާ ގުޅިގެން ބައެއް މުވައްޒަފުން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ.