ލ. ގަމުން ގޯތި ލިބުނު މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ގަމު ކައުންސިލްގެ އިދާރާއިން ބުނީ 20 ނޮވެންބަރު 2019 ގައި އާންމުކޮށްފައިވާ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާގޮތުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ޝަކުވާތައް ބަލައި ޗެކްކުރުމަށްފަހު އާންމުކުރި ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓު އަދި އާންމުކުރި ގޯތި ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ މި ދެލިސްޓް އަޅާ ކިޔުމަށްފަހު ޕޮއިންޓް ލިބުމުގައި އެއްވެސް މައްސަލައެއް ވާނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 11 ޖޫން 2020 އިން 19 ޖޫން 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ ޝަކުވާ ހުށަހަޅާނީ އެކަމައް ތައްޔާރުކޮށްފައިވާ "ގޯތި ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް" އިން ކަމަށެވެ.
އެ ފޯމުގެ ހާރޑް ކޮޕީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ނުވަތަ އެކަމަށްޓަކައި ތައްޔާރު ކުރެވިފައިވާ ގޫގަލް ފޯމުއިން ލިބޭނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.