ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އަލުން އެކުލަވާލައި ބޯޑަށް 7 މެމްބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު އައްޔަނު ކުރައްވައިފިއެވެ.
އަންގާރަ ދުވަހު ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤާނޫނު ނަންބަރު، 5/2020 "ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020" ގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އަލުން އެކުލަވާލައްވައި 7 މެމްބަރުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާފައިވާ ކަމަށެވެ.
އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލާފައިވާއިރު، އެލްޖީއޭގެ ރައީސަކީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޙް އިމްރާން އަބްދުﷲ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައީސް އޮފީހުގެ އެޑްވައިސަރ އިބްރާޙިމް ޝިހާބާއި، ރައީސް އޮފީހުގެ މިނިސްޓަރ އަޙުމަދު ސަމީރު ވަނީ އައްޔަނު ކުރައްވާފައެވެ.
އޭގެ އިތުރުން، އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރަކަށް ފާތިމަތު އަފްޝަން ލަތީފް އައްޔަނު ކުރައްވާފައިވާއިރު، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު އީސާވެސް ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ. އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޝަރީފްއާއި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނައިބް ފާތިމަތު ނިއުމާވެސް އައު ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.
އައު އެލްޖީއޭ ބޯޑެއް އެކުލަވާލަން ޖެހޭ ގޮތަށް ކައުންސިލަރުން އަމަލު ކުރާނެ ގޮތުގެ ޚާއްސަ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިހިނގާ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ. އެގޮތުން ބިލު ފާސްވެފައިވަނީ މިހާރު ހިނގަމުންދާ ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑު އުވާލާ އަލުން ބޯޑެއް އެކުލަވާލަން ޖެހޭގޮތަށް ހުށައަޅާފައިވާ އިސްލާޙާ އެކުއެވެ. އަދި އަލުން އެކުލަވާލާ އެލްޖީއޭގެ ބޯޑުން އަދާކުރަން ޖެހޭ ޒިންމާ ތަކާއި މަސްއޫލިއްޔަތު ތަކަކީ މި ބިލުގައި ބަޔާންކުރާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ކަަމަށްވެސް އެ އިޞްލާޙުގައި ބުނެފައިވެ އެވެ.