ކ. މާލެ
|
8 ޖޫން 2020 | ހޯމަ 22:18
ގްރޫޕް އޮފް ފްރެންޑްސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ބައިވެރިވެ ވަޑައިގަންނަވަނީ
ގްރޫޕް އޮފް ފްރެންޑްސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ބައިވެރިވެ ވަޑައިގަންނަވަނީ
ފޮރިން މިނިސްޓްރީ
ގްރޫޕް އޮފް ފްރެންޑްސް އިފްތިތާހު ކުރުން
''ގްރޫޕް އޮފް ފްރެންޑްސް'' އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގެންފި
ނޯވޭގެ ބޮޑުވަޒީރު އާނަރ ސޮލްބަރގް އަދި އެންޓީގާ އެންޑް ބާބިއުޑާގެ ބްލޫ އިކޮނޮމީ މިނިސްޓަރ ޑީން ޖޯނަސް ބައިވެރިވެ ވަޑައިގެންނެވި
ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ މައްޗަށް ޝާހިދު އަލިއަޅުއްވައިލެއްވި
އދގެ މެމްބަރު 46 ޤައުމުތަކުން މިހާރު ވަނީ މި ގްރޫޕްގައި ބައިވެރިވެފައި

ދުނިޔޭގެ ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމަށް އދ ގެ މެމްބަރު ބައެއް ގައުމުތަކުން ގުޅިގެން އުފައްދާ ގްރޫޕް ރަސްމީ އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

މި ގްރޫޕް އިފްތިތާހުކޮށްދެއްވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިނިސްޓަރ ޝާހިދު އާއި، ނޯވޭގެ ބޮޑުވަޒީރު އާނަރ ސޮލްބަރގް އަދި އެންޓީގުއާ އެންޑް ބާބޫޑާގެ ބްލޫ އިކޮނޮމީ މިނިސްޓަރ ޑީން ޖޯނަސްއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ދިމާކޮށް ކަނޑުތައް ޕްލާސްޓިކް ކުނީގެ ބާވަތްތަކުން ތަޣައްޔަރުވުން ހުއްޓުވުމަށް މަސައްކަތްކުރާ ގައުމުތަކުގެ ގްރޫޕް އިފްތިތާހު ކޮށްފައިވަނީ ކަނޑުތައް ތަޣައްޔަރުވުމުގެ ސަބަބުން ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކާ ކުރިމަތިލުމުގެ މުހިއްމުކަން ފާހަގަކުރުމަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ކަނޑުތަކަކީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ލެއާ ގުޅިފައިވާތަނެއް ކަމަށެވެ. އަދި އައްސޭރި ފަށްތަކުގައި ދިރިއުޅެމުންދާ މީހުންގެ ދެމެހެއްޓެނިވި ތަރައްގީ ގުޅިފައިވަނީ ކަނޑު ރޯދިއާކަން ފާހަގަކުރައްވާ، ކަނޑުތަކަށް ކުނި އެޅުމުގެ ސަބަބުން ކަނޑުތައް ތަޣައްޔަރުވެ، އޭގެ ނޭދެވޭ އަސަރު އެތައް ބަޔަކަށް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން، ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމަށް މަސައްކަތްކުރުމަށް އަވަސް މުސްތަގުބަލެއްގައި ގައުމުތައް ގުޅިގެން އެކަށީގެންވާ ބައިނަލްއަގްވާމީ އޮނިގަނޑެއް އެކުލަވާލުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. އަދި 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އެއް ފަހަރު ބޭނުންކޮށް އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށާއި، ރާއްޖޭގެ ކަނޑުގެ 20 އިންސައްތައަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވެވަޑައިގެންފައިވާ ވައުދު ފާހަގަކުރައްވައި، ކަނޑުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ޝާހިދު އަލިއަޅުއްވާލެއްވިއެވެ.

ކަނޑުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ޝާހިދު އަލިއަޅުއްވާލެއްވި. ފޮޓޯ: ފޮރިން މިނިސްޓްރީ

ދުނިޔޭގެ ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އުފެއްދި ގްރޫޕް އޮފް ފްރެންޑްސްގައި އިސްކޮށް މަސައްކަތްކުރަނީ ދިވެހިރާއްޖެއާއި ނޯވޭގެ އިތުރުން އެންޓީގުއާ އެންޑް ބާބޫޑާގެއެވެ. އދގެ މެމްބަރު 46 ޤައުމުތަކުން މިހާރު ވަނީ މި ގްރޫޕްގެ މެމްބަރުންނަށް ވެފައެވެ.

- ކޮމެންޓް