ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ދެ ބިލެއް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ކޮމިޓީތަކަށް ފޮނުވައިފި އެވެ.
އެގޮތުން ބަލައިގަތުމަށް ފުރަތަމަ ފާސްކޮށްފައި ވަނީ އިނގުރައިދޫ ދާއިރާގެ މެންބަރ ހަސަން އަހުމަދު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ހަކަތައިގެ ބިލެވެ. މި ބިލު ބަލައިގަތުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާޤުންނެވެ. މި ބިލު އިތުރަށް ދިރާސާކުރުމަށް ވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އަށް ފޮނުވާފަ އެވެ.
ދެން ހޯމަ ދުވަހުގެ ޖަލްސާގައި ވޯޓަށް އަހާފައި ވަނީ ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ބިލެވެ. މި ބިލުވެސް މަޖިލީހަށް ބަލައިގަތުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފަ އެވެ. މި ބިލު އިތުރަށް ދިރާސާކުރުމަށް ވަނީ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
މީގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ރާއްޖޭގެ ކަނޑުތަކުގެ އުޅޭ ނުރައްކާތެރި މިޔަރުތަކުގެ ސަބަބުން މަސްވެރިންނަށް ލިބޭ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ބެހޭ ގޮތުން ހުށަހަޅާފައިވާ ޤަރާރު ވަނީ މަޖިލީހަށް ބަލައި ނުގަނެ ތަޅުމުން ބޭރުކޮށްލާފަ އެވެ. މި ޤަރާރު ބަލައިގަންނަން ނުފެންނަ ކަމަށް 53 މެންބަރުން ވޯޓު ދެއްވިއިރު ފެންނަ ކަމަށް ވޯޓު ދެއްވީ 4 މެންބަރުންނެވެ.