ކޮވިޑް-19 އާ ގުޅިގެން ކަރަންޓީން ނުވަތަ މޮނީޓަރިންގގެ ޙާލަތަށް ގެނެވިފައިވާ ގޭތަކުގައި ދެ މެންބަރުން ތިއްބެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ޖަލްސާގެ ހާޟިރީ އިއްވަވާ ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޖަލްސާ ފެށިއިރު، 30 މެންބަރުން ޖަލްސާއަށް ހާޟިރު ވެވަޑައިގަންނަވާ ފައިވާ ކަމަށެވެ. އަދި ދެ މެންބަރަކު ސަލާމުގައި ތިއްބެވިކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މޮނިޓަރިންގ ގެ ޙާލަތުގައި 7 މެންބަރުން ތިއްބެވި ކަމަށެވެ. މިހާރު އެ ޢަދަދު 2 ށް މަދުވެފައި ވާއިރު މޮނިޓަރިންގ ގެ ޙާލަތުގައި ތިއްބެވީ ކޮން މެންބަރުންނެއް ކަމެއް ރައީސް ނަޝީދު ހާމައެއް ކުރައްވާފައެއް ނުވެއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި ކުރުމަށް ގިނަ ކަންތައްތަކެއް ވަނީ އެޖެންޑާ ކޮށްފަ އެވެ. އޭގެތެރޭގައި އިބްތިދާޢީ ބަހުޘްގެ މަރުޙަލާގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރ އަޙްމަދު ޢީސާ ހުށަހަޅުއްވާފައިވާ ވަޒީފާ އާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހިމެނެ އެވެ. ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން ހަ ކަމެއް އެޖެންޑާ ކޮށްފައި ވާއިރު ކޮމިޓީތަކުން ހުށަހަޅާ ފަސް ކަމެއް ވެސް އެޖެންޑާ ކޮށްފައި ވެއެވެ. ހޯމަ ދުވަހު ކުރިޔަށް ދަނީ މިއަހަރުގެ ދެވަނަ ދައުރުގެ ތިން ވަނަ ޖަލްސާ އެވެ.