ދުނިޔޭގައި ހަލުވި މިނުގައި ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އެންމެ ގިނަ ޢަދަދެއްގެ މީހުން ރިޕޯޓު ކުރަމުން އަންނަ އެމެރިކާގައި ވައިރަސް ޖެހުނު މީހުންގެ ޢަދަދު ދެ މިލިއަނަށް އަރައިފި އެވެ.
މިހާރު އެމެރިކާގައި ވައިރަސް ޖެހިފައިވާ މީހުންގެ ޢަދަދަކީ 2,007,449 ( ދެ މިލިއަން ހަތް ހާސް ހަތަރު ސަތޭކަ ސާޅީސް ނުވަ) މީހުންނެވެ. ނަޞްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް މުޅި އެމެރިކާގައި މުޒާހަރާ ކުރަމުން ދާއިރު އިތުރަށް ވައިރަސް ފެތުރިދާނެ ކަމުގެ ބިރު މިއާއެކުވެސް ވަނީ ހީވެފަ އެވެ. އަނެއްކޮޅުން އެމެރިކާ އަކީ މިވަގުތު އެންމެ ގިނަ ޢަދަދެއްގެ މީހުން މި ވައިރަސް ޖެހިގެން މަރުވެގެން ރިޕޯޓު ކުރަމުން އަންނަ ޤައުމެވެ. 112,469 ( އެއްލައްކަ ބާރަ ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ނުވަ) މީހުން ވަނީ މިހާތަނަށް އައިއިރު އެޤައުމުގައި ވައިރަސް ޖެހިގެން މަރުވެފަ އެވެ.
ރޮއިޓަރސް އިން ބުނާގޮތުން ޖޫން މަހުގެ ތެރޭގައި ދުވާލަކު 1000 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. އޭޕްރީލް މަހު އެޤައުމުގައި ވައިރަސް ޖެހިގެން ދުވާލަކު 2000 މީހުންވެސް ވަނީ މަރުވެފަ އެވެ.
ރޮއިޓަރސް އިން ބުނާގޮތުގައި އެމެރިކާގެ ދެކުނު ސްޓޭޓްތަކުން މެއި މަހުގެ ފަހު ކޮޅުން ފެށިގެން ރިޕޯޓުކުރަމުން އަންނަ ކޭސްތަކުގެ ނިޞްބަތް ވަނީ 35 އިންސައްތަ މައްޗަށް ޖެހިފަ އެވެ. އެގޮތުން އަލްބަމާ، ދެކުނު ކެރޮލައިނާ އަދި ވާރޖީނިއާ އިން ފެންނަ ކޭސްތައް މެއި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އޭގެކުރީ ދުވަސްތަކާއި އަޅާބަލާއިރު މަތިވަމުން އަންނަ ކަމަށް ރޮއިޓަރސް އިން ބުނެ އެވެ.
މިދިޔަ އަހަރުގެ ޑިސެންބަރ މަހުގެ 31 ވަނަ ދުވަހު ޗައިނާ އިން ފެނުނު ކޮވިޑް-19 މިހާރު މުޅި ދުނިޔެއިން ހަތް މިލިއަން މީހުންނަށް ޖެހިފައިވާއިރު އެވައިރަސް ޖެހިގެން ހަތަރު ލައްކަ މީހުން ވަނީ މިހާތަނަށް އައިއިރު މަރުވެފަ އެވެ.
އެންމެ ބޮޑަށް ވައިރަސްގެ އަސަރު ކޮށްފައިވާ 20 ޤައުމުގެ ތެރެއިން އެމެރިކާ އަކީ އާބާދީގެ ނިޞްބަތުން 08 ވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން ވައިރަސް ޖެހިގެން މަރުވަމުން އަންނަ ޤައުމެވެ. އެމެރިކާގެ ކޮންމެ 10،000 މީހަކަށް އެޤައުމުގައި މަރުވާ ރޭޓު އުޅެނީ 3.3 ގަ އެވެ. ވައިރަސް ޖެހިގެން އާބާދީގެ ނިޞްބަތުން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވަމުންދާ ޤައުމުތަކުގެ އެންމެ ކުރީގައި އުޅެނީ ބެލްޖިއަމް އެވެ. އެއީ 10،000 މީހަކަށް 8 މީހުންނެވެ. އެއަށްފަހު އިނގިރޭސިވިލާތް، ސްޕެއިން، އިޓަލީ އަދި ސްވިޑިން އެވެ.