ކ. މާލެ
|
6 ޖޫން 2020 | ހޮނިހިރު 08:35
އެމެރިކާގެ ވަޒީފާ ބާޒާރަށް މިދިޔަ މަހު ވަނީ ކުރިއެރުންތަކެއް ލިބިފައި، ނަމަވެސް ކުރިއަށް އޮތްތަނުގައި މި އަދަދު އަނެއްކާވެސް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ
ވޮޝިންގްޓަން ޓައިމްސް
އެމެރިކާގެ ވަޒީފާގެ ބާޒާރަށް ކުރިއެރުމެއް
އެމެރިކާގެ ވަޒީފާ ނެތް މީހުންގެ ރޭޓް ދަށްވެއްޖެ
މެއި މަހުގެ އެގައުމުގައި 2.5 މިލިއަން މީހުންނަށް ވަނީ ވަޒީފާ ލިބިފައި
އެޕްރީލް މަހުގައި ވަޒީފާ ނެތް މީހުންގެ އިންސައްތަ ހުރީ 19 ގައި
30 މިލިއަން މަސައްކަތްތެރިން އަންނަނީ ވަޒީފާނެތް މީހުންނަށް ދެމުން އަންނަ އިނާޔަތް ހޯދަމުން

އެމެރިކާގައި ވަޒީފާ ނެތް މީހުންގެ ރޭޓް 13.3 އިންސައްތަ އަށް ދަށްވެއްޖެ އެވެ.

އެމެރިކާގެ ބިއުރޯ އޮފް ލޭބަރ ސްޓެޓިސްޓިކްސް އިން ދައްކާގޮތުން މިދިޔަ މެއި މަހު އެ ޤައުމުގައި 2.5 މިލިއަން މީހުންނަށް ވަޒީފާ ލިބިފައި ވެއެވެ. އަދި މިއާއެކު ވަޒީފާ ނެތް މީހުންގެ ރޭޓް 13.3 އިންސައްތައަށް ދަށްވި އެވެ.

އިޤުތިޞާދީ މާހިރުން ލަފާކުރި ގޮތުންނަމަ، މިދިޔަ މަހު ވަޒީފާ ނެތް މީހުންގެ ނިޞްބަތް އިތުރުވެގެންދާނެ އެވެ. އެގޮތުން %20އާ ހަމައަށް ވަޒީފާގެ ރޭޓް އުފުލިގެންދާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ. ވަޒީފާ ނެތް މީހުންގެ ޢަދަދު ދަށްވެފައި ވަނީ އެ ޤައުމުގެ އިޤުތިޞާދު އަލުން ހުޅުވާލުމުގެ ސަބަބުން އިތުރު ވަޒީފާތައް އުފެދެން ފަށާފައި ވަނިކޮށްނެވެ.

ބިއުރޯ އޮފް ލޭބަރ ސްޓެޓިސްޓިކްސްގެ ކޮމިޝަނަރ ވިލިއަމް ޑަބްލިއު ބީޗް ވިދާޅުވީ ވަޒީފާގެ ކުރިއެރުންތައް އައިސްފައި ވަނީ އިޤުތިޞާދީ ޙަރަކާތްތައް ކުޑަގޮތަކަށް ފެށިގެން ދިއުމާއެކު ކަމަށެވެ.

އެމެރިކާގެ އިޤުތިޞާދު ހުއްޓުމަކަށް އައުމުގެ ސަބަބުން ވަޒީފާގެ ބާޒާރު ހުއްޓުމަކަށް އައިސް އެޕްރީލް މަހުގެ ތެރޭގައި 20.7 މިލިއަން މީހުންގެ ވަޒީފާ ގެއްލިފައި ވެއެވެ. އަދި 'ލޮކްޑައުން' އާއި ގުޅިގެން ވިޔަފާރިތައް ހުއްޓި ވަޒީފާ ނެތް މީހުންގެ ނިޞްބަތް މިދިޔަ މަހު 14.7 އިންސައްތައަށް އިތުރުވެގެން ދިޔަ ނަމަވެސް މަސް ނިމުނު އިރު 13.3 އިންސައްތައަށް ވަނީ ދަށްވެފަ އެވެ.

މެއި މަހުގެ ތަފާސް ހިސާބުތައް ހެދުމުގައި އޮޅުންތަކެއް ހުރިކަން ހާމަކުރަމުން ލޭބަރ ސްޓެޓިސްޓިކްސް އިން ބުނެފައި ވަނީ އެއްވެސް އޮޅުވާލުމެއް ނުވަތަ ކުށެއް ނުޖެހި ހިސާބުތައް ހެދުނު ނަމަ ވަޒީފާ ނެތް މީހުންގެ ނިޞްބަތް ހުންނާނީ 16.3 އިންސައްތައިގެ ކަމަށެވެ. މި ނިޞްބަތް އެޕްރީލް މަހުގައި ހުރީ 19.7 އިންސައްތައިގަ އެވެ.

އެމެރިކާގެ އިޤުތިޞާދު ހީނަރުވުމާއި ގުޅިގެން މިހާރު ވެސް 30 މިލިއަން މަސައްކަތްތެރިން އަންނަނީ ވަޒީފާނެތް މީހުންނަށް ދެމުން އަންނަ އިނާޔަތް ހޯދަމުންނެވެ. އަދި ނިމިގެން ދިޔަ ހަފުތާގައި އެކަނި ވެސް 1.9 މިލިއަން މީހުން ވަނީ މި އިނާޔަތް ހޯދަން އެދި ހުށަހަޅާފަ އެވެ. މީގެ އިތުރުން ކޮވިޑްގެ ޙާލަތާއި ގުޅިގެން ވަޒީފާގެ ބާޒާރަށް ކުރިއެރުމެއް ލިބުނު ނަމަވެސް ކުރިއަށް އޮތްތަނުގައި އަނެއްކާ ވެސް ވަޒީފާގެ ބާޒާރުގައި ވަޒީފާ ގެއްލޭ މީހުންގެ ޢަދަދު އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ.

- ކޮމެންޓް