Advertisement
ކ. މާލެ
|
7 އޭޕްރިލް 2017 | ހުކުރު 07:30
ބައެއް ނޫސްވެރިންގެ މޫނަށް މިރުސް ސްޕްރޭ ޖަހާފައި
ބައެއް ނޫސްވެރިންގެ މޫނަށް މިރުސް ސްޕްރޭ ޖަހާފައި
ޓްވިޓަރ
ފުލުހުންގެ އަނިޔާ
ޕެޕާ ސްޕްރޭ، ނޫސްވެރިންނަށް އަނިޔާ، ތަކެއްޗަށް ގެއްލުން!
ނޫސްވެރިންގެ މަސްއޫލިއްޔަތަށް ފުލުހުން ހުރަސް އެޅި
ނޫސްވެރިންގެ ލޮލަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހި
ކެމަރާތަކާއި މައިކްތަކާއި ލައިވް ޔުނިޓްތަކަށް ގެއްލުން ދިން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމުން އެކަމާ ދެކޮޅަށް ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒު ކައިރީގައި ބުރާސްފަތި ދުވަހުގެ ރޭ ކުރަމުން ދިޔަ އިހްތިޖާޖު ކުވަރުކުރަމުން ދިޔަ ނޫސްވެރިނަށް ހުރަސް އަޅައި، ނޫސްވެރިންގެ މޫނަށް ޕެޕަ ސްޕްރޭ ޖަހައި، އަނިޔާކުރުމަށް ފަހު، ތަކެއްޗަށް ފުލުހުން ގެއްލުން ދީފި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ ވޯޓް ބޯމަތިވެފައި ވަނިކޮށް، ކުއްލިއަކަށް ގާސިމް ހައްޔަރުކުރުމާ ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ ކުނޫޒުގެ ކުރިމަތީގައި ކުރަމުންދިޔަ އިހްތިޖާޖު ކަވަރުކުރަން ހުރި ރާއްޖެޓީވީގެ ޗީފް ކެމެރާމަން މުހައްމަދު އަނިލް ބުނީ ރާއްޖެޓީވީގެ ކެމެރާ އަަށާއި މައިކަށް ފުލުހުން ގެއްލުން ދިން ކަމަށެވެ.

 

"އަޅުގަނޑުމެންގެ ގަޔަށް ޕެޕަ ސްޕްރޭ ޖެހުމަށް ފަހު، ތަކެއްޗަށް ގެއްލުން ވެސް ދިން، ފުލުހުން ބޭނުމެއް ނުވި ނޫސްވެރިންނަށް އެއްވެސް މަންޒަރެއް ދައްކަން،" އޭނާ ބުންޏެވެ.

 

ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ ލޮލަށް ޕެޕާ ސްޕެރޭ ޖަހައިގެން އޭޑީކޭއިން ފަރުވާދޭން ޖެހުނުއިރު، އެހެން ބައެއް ނޫސްވެރިންގެ ލޮލަށް ވެސް ޕެޕާ ސްޕެރޭ ޖެހިއެވެ. ޓީވީއެމްގެ ނޫސްވެރިޔެއްގެ މޫނަށް ޕެޕަ ސްޕްރޭ ޖެހުމުން ސަބަބުން އޭނާ އަށް އައިޖީއެމްއެޗުން ފަރުވާ ދީފައިވެ އެވެ. 

 

ރާއްޖެޓީވީގެ ސީނިއާރ ރިޕޯޓަރ އަޒުމޫން އަހުމަދު ބުނީ، ހުރިހާ ނޫސްވެރިން ވެސް ވައްދާފައި ތިބީ ޖޭޕީގެ ޖަގަހައާ ޖެހިގެން އޮންނަ ހަނި ގޯޅިގަނޑަށް ކަމަށާއި އެތަނަށް ނޫސްވެރިން ވެއްދުމަށް ފަހު ޝީލްޑް ޖަހައި ބަންދުކުރި ކަމަށެވެ.

 

"ޝީލްޑް ޖެހުމަށް ފަހު ދެން ޕެޕަ ސްޕްރޭ ޖަހައި، ނޫސްވެރިންނަށް އަނިޔާކުރި. އަދި ބައެއް ތަކެއްޗަށް ގެއްލުން ދިން،" ރާއްޖެޓީވީގެ ސީނިއާރ ރިޕޯޓަރ އަޒުމޫން އަހުމަދު ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
7 އޭޕްރިލް 2017 | ހުކުރު 05:09
Leen
Maybe you guys were poking your overgrown noses again