"ދެން މިރާއްޖޭގައި އުފެދޭނީ ރައްޔިތުންގެ އަޑު ގާތުން އަހާނެ ސަރުކާރެއް. ހަމަޔާއި އިންސާފުން ކަންކުރާނެ ސަރުކާރެއް. ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ސަރުކާރެއް،"މިއީ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ކެމްޕޭނުގެ ވާހަކަފުޅުގައި ދިވެހި ޤައުމާ މުޚާޠަބުކުރައްވައި، 22 ސެޕްޓެންބަރު 2018 ވީދުވަހު ވިދާޅުވި ބަސްފުޅެވެ.
އެ މަނިކުފާނުގެ އެ ބަސްފުޅު ރަނުން ރަނަށް ޙަޤީޤަތަކަށް ވެގެން ދިއުމުގެ ނަތީޖާއަކީ އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވައި، ސަރުކާރެއް އުފަން ކުރެއްވުމެވެ. އެ މަނިކުފާނުގެ ވެރިކަމަކީ ފެށުމުގައި ވެސް ހުރިހާ ގޮތަކުން ވެސް ވަރަށް ބޮޑު ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ސަރުކާރެކެވެ. އެ ސަބަބުތައް އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭނުގެ އެންމެ ފަހު ދުވަހު ދިވެހި ރައްޔިތުންނަށް ވަނީ ސާފުކޮށް ވިދާޅުވެ ދެއްވާފަ އެވެ.
ދިވެހިރާއްޖޭގެ ޢާންމު ޙާލަތު މިވަނީ މިއިން ޒަމާނަކު ނުދާ މިންވަރަށް ދަށަށް ގޮސްފަ. ތަކެތީގެ އަގާ ދިރިއުޅުމުގެ ޚަރަދު އިންތިހާއަށް ދަނީ ބޮޑުވަމުން. ދަރަނީގެ ދަންތުރައެއްގެ ތެރެއަށް ދިވެހި ޤައުމު މިވަނީ ވެއްޓިފަ. ރާއްޖޭގެ ގިނަ ރައްޔިތުން މިއަދު ވެސް އެތިބީ އެންމެ އަސާސީ ޚިދުމަތްތަކުން މަޙްރޫމުވެފައިރައީސް އިބްރާހިމް މުހައްމަދު ސޯލިހު![]()
ދިވެހި ޤައުމަށާއި ދިވެހިންނަށް ފާގަތި ފަހި ދުވަސްތަކެއް ހޯއްދަވައި ދެއްވުމަށް މަސައްކަތްފުޅު ކުރައްވަން ފައްޓަވައި ސިޔާސަތުތައް އެކުލަވާލައްވައި، އެމަގަށް ދަތުކުރައްވާނެ ޗާޓުކުރައްވައި ނިންމަވާލައްވައި ޢަމަލީ މަސައްކަތްތައް ފެއްޓެވިތާ މާގިނަ ދުވަހެއް ފާއިތެއް ނުވިއެވެ.
ކޮވިޑް-19ގެ ނުރައްކާ މުޅި ދިވެހި ޤައުމު ވަށާލިއެވެ. ސަރުކާރުގެ ޢާންމު ހިންގުން އިޚުތިޔާރަކާއި ބާރަކާނުލާ ހުއްޓުވި އެވެ. ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށް އިންތިހާއަށް ދަތި ވަގުތަކަށް މިބަލީގެ ޙާލަތު ބަދަލު ކޮށްފި އެވެ.

މި ޙާލަތުގައިވެސް އެ މަނިކުފާނަށް މުހިންމުވީ ދިވެހި އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމެވެ. ޤައުމުގެ ހުރިހާ ވަޞީލަތްތަކެއް، ސިޔާސަތުތަކެއް އެމަގަށް ދީލާލެއްވި އެވެ. ސިޔާސީ ފިއްތުންތަކާއި، ނުތަނަވަސްކަން އަމިއްލަފުޅަށް ތަޙައްމަލު ކުރައްވަމުން ކެތްތެރިކަމާއެކު ރައްޔިތުންނަށް ހިތްވަރު ދެއްވުމުގައި ދެމި ހުންނެވި އެވެ.
ކޮވިޑް-19ގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެ. މިބައްޔާ ގުޅުމެއް ނެތް ކިތަންމެ ކަމަކަށް ވަނީ ޚާއްޞަ ސަމާލުކަމެއް ދޭން ޖެހިފަ. ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން އެބަ ފޯރުކޮށްދެން.ރައީސް އިބްރާހިމް މުހައްމަދު ސޯލިހު![]()
ކޮވިޑް-19 އާ ގުޅިގެން 21 މޭ 2020 ވަނަ ދުވަހު ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވެފައި ވެއެވެ.
ދައުލަތުގެ މާލިއްޔާގެ ބޮޑުބައެއް ކޮވިޑްގެ ކަންކަމަށް ޚާއްޞަކުރަން ޖެހުމުން ކުރިމަތިވަމުން ދިޔަ ދަތި ކަންކަން ފިލުވުމަށާއި، ބަލިން ރައްކާތެރިވުމަށާއި، ފަރުވާގެ ކަންކަން ހަރުދަނާކުރުމަށް ބޭނުންވާ ސާމާނާއި ފައިސާގެ އެހީތެރިކަން ސަރުކާރަށް ހޯއްދަވައި ދެއްވުމުގައި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި އެމަނިކުފާނުގެ ޓީމު ވެގެން ދިޔައީ ރައީސް ޞާލިހަށް ވަރަށް ބޮޑު ހިތްވަރަކަށެވެ.
ދިވެހި ޚާރިޖީ ޓީމުން އެ ކުރައްވަނީ ނަމޫނާ މަސައްކަތްތަކެއް. އެކަމަށްޓަކައި އަޅުގަނޑު ފޮރިން މިނިސްޓަރަށާއި އެމަނިކުފާނުގެ ޓީމަށް ފަށްފަށުން ޝުކުރު ދަންނަވަން.ރައީސް ސޯލިހުގެ ވާހަކަފުޅުތަކުގައި ތަކުރާރުކޮށް ވިދާޅުވެފައިވޭ![]()
ކޮވިޑް-19އާ ގުޅިގެން އެމަނިކުފާނަށް އެކި ސިފަސިފައިގައި ވަރަށް ބޮޑެތި ފިއްތުންތައް ކުރިމަތިވި އެވެ. ނަމަވެސް އެއިން އެއްވެސް 'ޕްރެޝަރަކަށް' ބެއްލެވުމެއްނެތި ކުރިއަށް ވަޑައިގެންނެވި އެވެ. ސަރުކާރާމެދު ރައްޔިތުންގެ އުންމީދާއި ޔަޤީންކަން އޮތް މިންވަރާ އެއްވަރަށް ސަރުކާރަށް ޚިދުމަތްތައް ފޯރުކޮށްދެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރެއްވި އެވެ. އެކަމުގެ ހެޔޮ ނަތީޖާ ވެސް މިދަނީ ފެންނަމުންނެވެ.
ޙަޤީޤަތުގައި ކޮވިޑް-19އާ ގުޅިގެން އެ މަނިކުފާނަށް ހުރި ޕްރެޝަރުތައް ބަޔާންވެސް ނުކުރެވޭހާ ގިނަވެފައި ނާޒުކު. އެކަމަކު އެ މަނިކުފާނުގެ ކެތްތެރިކަމާއި ޙިކުމަތްތެރިކަމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް ލިބެމުން ދަނީ. ދަތި، އުނދަގޫ ޙާލަތުގައިވެސް ރައްޔިތުން ކެތްތެރިކަމާއެކު ތިބީ ރައީސްގެ އުންމީދީ ބަސްތަކުގެ ސަބަބުން. ފަންނީ ބޭފުޅުން މަސައްކަތުގައި ވަރުބަލިކަމެއް ނެތި ދެމިތިބެނީ ރައީސް އެ ބޭފުޅުންގެ އަގު އަބަދުވެސް ވަޒަން ކުރައްވާ ހައްޤު ޝުކުރު ކޮންމެ 'ސްޕީޗެއްގައި' ވެސް ވިދާޅުވާތީ. ސަލާމަތީ ބާރުތަކުގެ ހިތްވަރު ގަދަވެފައި ވަނީ އެކަންކަން ރައީސް އަމިއްލަފުޅަށް ބައްލަވާ ހެޔޮ ބަސްފުޅުތައް ވިދާޅުވާތީ.ކޮވިޑް-19ގެ ގައުމީ ޓާސްކް ފޯހުގެ އިސްބޭފުޅަކު އޭނާގެ ތަޖުރިބާ ހިއްސާކުރީ މިފަދަ ބަސްތަކުން![]()
މުޅި ދުނިޔެ ހުއްޓުވާލި މި ބަލިމަޑު ކަމާއި ގުޅިގެން އެ މަނިކުފާނު ޤައުމާ މުޚާޠަބު ކުރެއްވި ކޮންމެ ފަހަރަކީ ރައްޔިތުންނަށް އުންމީދުތައް އާކޮށްދެއްވި ފަހަރުތަކެކެވެ. ރައްޔިތުން މާޔޫސްވާނެ ފަދަ ބަސްފުޅެއް ވިދާޅެއް ނުވެއެވެ. އެމަނިކުފާނުގެ ހަށިގަނޑުގެ ޙަރަކާތްތަކާއި މޫނުމަތީގެ ކުލަވަރުން ވެސް އެފަދަ އެއްވެސް ނުތަނަވަސްކަމެއް ނުދައްކަވަ އެވެ. އެމަނިކުފާނުގެ ސަރުކާރުގެ އެހާ ކުރީކޮޅު މި ކުރިމަތިވި ބޮޑު އަދި ހިތަށްވެސް ގެނެވިފައި ނުވާ ފަދަ އާދަޔާ ޚިލާފު އިމްތިޙާނުގެ ސަބަބުން އެމަނިކުފާނަށް ނަފުސާނީ ގޮތުން ވެސް އުނދަގޫތައް ކުރިމަތިނުވެ ނުދާނެކަން ކަށަވަރެވެ.
ނަމަވެސް ކެތްތެރިކަމާއި މަޑުމައިތިރިކަން ނޫން ސިފައެއް އެ މަނިކުފާނުގެ ކިބައިން ރައްޔިތުންނަށް، އަދި އެކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވެސް ނުދައްކަވަ އެވެ. އެކިއެކި ބޭފުޅުން ދައްކަވާ ވާހަކަތަކުންނާއި، އެނޫންވެސް ކަމަކާ ގުޅިގެން ރައްޔިތުން މެދުގައި ނުތަނަވަސްކަން އުފެދޭ ކޮންމެ ޙާލަތެއްގައި ކުރިއަށް ފިޔަވަޅު އަޅުއްވައި ޕޯޑިއަމް ކައިރިއަށް ހުއްޓި ވަޑައިގެން ޤައުމާ މުޚާޠަބު ކުރައްވައި ރައްޔިތުންގެ ނުތަނަވަސްކަމަށް ސާފު ޖަވާބު ދެއްވައި ސާބިތުކަން ދަމަހައްޓަވަ އެވެ.

ރިޔާސީ ކެމްޕޭނުގެ ފަހު ބަސްފުޅެއްގެ ގޮތުގައި"ދެން މިރާއްޖޭގައި އުފެދޭނީ ރައްޔިތުންގެ އަޑު ގާތުން އަހާނެ ސަރުކާރެއް."ވިދާޅުވެފައި ދޫކޮށްލެއްވީކީ ނޫނެވެ. އެ ބަސްފުޅުގެ ތެދުކަން މިހާރު ދިވެހި ރައްޔިތުންނަށް ސާފުކޮށް ފެންނާނެ އެވެ. ރައްޔިތުންގެ އަޑު އެބަ އައްސަވަ އެވެ. އެއްވެސް ރައްޔިތަކު ބާކީ ނުވާނޭ ފަދައިން ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކު އެހީތެރިކަން ގެންދަވަނީ ފޯރުކޮށް ދެއްވަމުންނެވެ. ރައްޔިތުންނަށް ޙައްޤު ޝުކުރު އަބަދުވެސް އަދާކުރައްވަ އެވެ.
ކެތްތެރިކަމާއި ޙިކުމަތްތެރިކަމުގެ ނަމޫނާ ވެރިއެއްގެ ގޮތުގައި ރައީސް ޞާލިޙުގެ ނަންފުޅު ދިވެހި ތާރީޚުގައި ލިޔެވިގެންދާނެ އެވެ. ފަހުގެ ޖީލުތަކަށް ޢިބުރަތެއްގެ ގޮތުގަ އެވެ.