މިދިޔަ އަހަރު ވުހާންގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން ޗައިނާގައި އެއްވެސް މީހަކަށް ކޮވިޑް-19 ޖެހިގެން ރިޕޯޓް ނުކުރަނީ ހުކުރު ދުވަހު ކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފި އެވެ.
ނޭޝަނަލް ހެލްތު ކޮމިޝަނުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުކުރު ދުވަހު އެއްވެސް މީހަކަށް ކޮވިޑް-19 ޖެހިފައިނުވާ ކަމަށެވެ. ނަމަވެސް ޝައްކު ކުރެވޭ ދެ ކޭސް އެއް އުޅޭކަމަށް ހެލްތު ކޮމިޝަނުން ބުނެ އެވެ. މިތަނުން އެއް ކޭސް ފެނިފައި ވަނީ ޝަންހާއީން ނެވެ. އެއީ އެތަނަށް އެތެރެވި މީހެކެވެ. ދެން ފެނިފައިވަނީ މިހާރު ކޭސްތައް ފެންނަމުންދާ ޖިލިން ޕްރޮވިންސުން ނެވެ.
މީގެ އިތުރުން ހަށިގަނޑުގައި ވައިރަސް ހުރި ކަމުގެ އަލާމާތެއް ނުފެނި 28 މީހަކު ހުކުރު ދުވަހު ފެނިފައިވާ ކަމަށް އެގައުމުގެ ހެލްތު ކޮމިޝަނުން ބުނެ އެވެ. އޭގެކުރީ ދުވަހު އެފަދަ 35 މީހަކު ފެނިފައިވެ އެވެ.
ޗައިނާގައި ވައިރަސް ޖެހޭ މީހުންގެ އަދަދު މަރޗް މަހުން ފެށިގެން ވަނީ ދަށަށްދާން ފަށާފަ އެވެ. އެއީ މީހުން އެއްތަނުން އަނެއްތަނަށް ދިޔުމުގައި އެޅި ބޮޑެތި ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެހެންނަމަވެސް ޗައިނާއަށް އެތެރެވާ މީހުންނަށް ވައިރަސް ޖެހިގެން އައީ ރިޕޯޓް ކުރަމުންނެވެ. މީގެތެރޭގައި ގިނައިން ހިމެނެނީ ބޭރު ގައުމުތަކުން ޗައިނާއަށް އެތެރެވި އެގައުމުގެ ރައްޔިތުންނެވެ. އަދި އައު ކުލަސްޓަރ އެއް ވަނީ އިރުއުތުރު ޖިލާން ޕްރޮވިންސުން ފެނިފަ އެވެ.
މީގެއިތުރުން ވުހާން ގެ ސިޓީ ލޮކްޑައުން އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ނިމުމަކަށް ގެނައިތާ މަސް ދުވަސް ފަހުން ވުހާން އިންވެސް ވަނީ އައު ކްލަސްޓަރ އެއް ފެނިފަ އެވެ. އެއާއެކު ދެ ވަނަ ވޭވެއް ވުހާންއަށް އައިސްދާނެ ކަމަށް ބަލާ ވުހާންގެ 11 މިލިއަން މީހުން ކޮވިޑް-19 އަށް އަންނަނީ ޓެސްޓް ކުރަމުންނެވެ.
ޗައިނާގައި މިހާތަނަށް އައިއިރު ކޮވިޑް-19 ޖެހިފައިވަނީ 82،971 މީހަކަށެވެ. އަދި މަރުވެފައި ވަނީ 4634 މީހުންނެވެ.