ކ. މާލެ
|
23 މެއި 2020 | ހޮނިހިރު 09:48
ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ މަސައްކަތްކުރިޔަށް ގެންދަނީ
ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ މަސައްކަތްކުރިޔަށް ގެންދަނީ
ރޮއިޓަރސް
ކޮވިޑް-19 ބްރެޒިލްގެ ހާލަތު
ބްރެޒިލް: ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓް ކުރަމުން އަންނަ ގައުމަށް
ބްރެޒިލްގައި ހުކުރު ދުވަހު އެކަނިވެސް ވައިރަސް ޖެހިގެން 1001 މީހުން މަރުވެފައިވޭ
ތިން ވަނައަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުންދާ ގައުމަށްވީ ނިމުގެންދިޔަ ހަފްތާގެ ހޯމަ ދުވަހު
ބްރެޒިލްގައި މިހާރު ވައިރަސް ޖެހިފައިވާ 330,890 މީހުން އެބަތިބި

ދުނިޔޭގައި މިވަގުތު ދެވަނަ އަށް ގިނައިން ކޮވިޑް-19 ޖެހުނު މީހުން ތިބި ގައުމަކަށް ބްރެޒިލް ވެއްޖެ އެވެ.

އެމެރިކާ ނެގުމަށްފަހު މިހާރު އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓުކުރަމުން އަންނަނީ ބްރެޒިލް އެވެ. ބްރެޒިލްގައި މިހާރު ވައިރަސް ޖެހިފައިވާ 330,890 (ތިން ލައްކަ ތިރީސް ހާސް އަށް ސަތޭކަ ނުވަދިހަ) މީހުން އެބަތިއްބެވެ.

ބްރެޒިލްގައި ހުކުރު ދުވަހު އެކަނިވެސް ވައިރަސް ޖެހިގެން 1001 މީހުން މަރުވެފައިވެ އެވެ. އަދި އަލަށް ހުކުރު ދުވަހު 21،408 މީހުންނަށް ވައިރަސް ޖެހިފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

ބްރެޒިލްގައި އެންމެ ހަލުވި މިނުގައި ވައިރަސް ފެތުރެމުންދާ ސައު ޕައުލޯގެ އެތެރޭގައި ނަގާފައިވާ އޭރިއަލް ވީޑިއޯ ފުޓޭޖްތަކަށް ބަލާއިރު އެތާންގެ ގަބުރުސްތާން ވަނީ މީހުން ވަޅުލުމަށް މިހާރުވެސް ވަޅުގަނޑުތައް ކޮނެފަ އެވެ. މީހުން މަރުވަމުންދާ އަދަދު އިތުރު ވަމުންދާތީ ކުރީބައިގައި ގަބުރުސްތާނުގައި ވަޅުގަނޑުތައް ކޮންނަ މުންދާއިރު އެގައުމުގެ ރައީސް ޖައި ބޮލްސޮނާރޯ އަށް ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގައި ފެއިލް ވެފައިވާތީ އެކަމުގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަމަށްވާ އިޖުތިމާޢީ ގައިދުރުކަން ގެންގުޅުންފަދަ ފިޔަވަޅުތައް އެޅުމަށް ބޮލްސޮނާރޯ ގެންދަވަނީ ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ. މީގެއިތުރުން ވައިރަސް ޖެހޭ މީހުންނަށް އެންޓި މެލޭރިއާ ބޭސް ދިނުމަށް ފާޅުގައި ގޮވާލައްވަމުން ގެންދަވާއިރު ސިއްހީ މާހިރުން ގެންދަވަނީ އެބޭސް ބޭނުންކުރާނަމަ އެކަމުގެ ސަބަބުން ނިކުންނާނެ ގެއްލުންތައް ބޮޑު ކަމަށް ވިދާޅުވަމުންނެވެ. މިއިން އެއްވެސް ކަމަކަށް ބޮލްސޮނާރޯ ސަމާލުކަން ނުދެއްވާއިރު ބޮލްސޮނާރޯ އަށް ރައްޔިތުންގެ މެދުގައި އޮތް ތާޢީދުވެސް ވަނީ ދަށަށްދާން ފަށާފަ އެވެ.

ބްރެޒިލްގައި ހަލުވިކަމާއެކު ވައިރަސް ފެތުރެމުންދާއިރު އެގައުމުގެ އިގްތިޞާދަށްވެސް ވަނީ އެކަމުގެ ނުރަނގަޅު އަސަރުތަކެއް ކޮށްފަ އެވެ. އަނެއްކޮޅުން ބަލާއިރު ރިޕޯޓްތައް ބުނާގޮތުން އެގައުމުގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދުތައް މިހާރު ފެންނަމުންދާ އަދަދުތަކަށްވުރެ މަތިވާނެ އެވެ.

ބްރެޒިލް ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުންދާ ގައުމަށްވީ ނިމުގެންދިޔަ ހަފްތާގެ ހޯމަ ވީ މެއި މަހުގެ 18 ވަނަ ދުވަހު އެވެ. މެއި މަހުގެ 22 ވީ ހުކުރު ދުވަހު ރަޝިޔާގެ އަދަދުތައް ފަހަތަށް ޖައްސާލުމަށްފަހު ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާ މީހުން ތިބި ގައުމަށް ވަނީ ވެފައެވެ. ނަމަވެސް މިވަގުތު އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުންދާ އެމެރިކާގެ އަދަދުތައް ކަމަށްވާ 1.5 މިލިއަން ފަހަތަށް ޖައްސާލުމަކީ އަދި ނާދިރު ކަމެއްކަމަށް މާހިރުން ބުނެ އެވެ.

ވައިރަސް ހަލުވި މިނުގައި ފެތުރެން ފަށާފައިވާއިރު މިހާތަނަށް ބްރެޒިލްގައި ދެ ހެލްތު މިނިސްޓަރުން ވަނީ އިސްތިއުފާދެއްވާފަ އެވެ. އެއީ އެންޓިމެލޭރިއާ ބޭސް ބޭނުންކުރުން ޕްރޮމޯޓްކުރުމަށް ކުރިމަތިވި ޕްރެޝަރ ތަކާހެދި އެވެ. މީގެއިތުރުން ބްރެޒިލްގެ ސިއްހީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ އެތައް މާހިރުންނެއްވެސް ވަނީ އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވާފަ އެވެ. މިއިން ގިނަ ޕޯސްޓްތަކަށް މިހާރު އައްޔަނުކޮށްފައި ވަނީ މިލިޓަރީ މީހުންނެވެ.

ނިމިގެންދިޔަ ހަފުތާގެ ބުދަ ދުވަހު މިހާރު ވަގުތީ ގޮތުން ހެލްތު މިނިސްޓްރީ އާ ހަވާލުވެވަޑައިގެން ހުންނެވި އެޑްވޯރޑޯ ޕަޒުއްލޯ ވަނީ އެންޓި މެލޭރިއާ ބޭސް ވައިރަސްގެ އަސަރު ކުޑަކޮށްފައިވާ މީހުންނަށް ބޭނުންކުރުމާ މެދު އައު އުސޫލެއް އެކުލަވާލާފަ އެވެ.

އެހެންނަަމަވެސް މި އުސޫލާމެދު ވެސް ބްރެޒިލްގެ ގިނަ ސިއްހީ މާހިރުން ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.

- ކޮމެންޓް