ކ. މާލެ
|
22 މެއި 2020 | ހުކުރު 12:39
ކޮވިޑް-19 ޖެހިގެން ބްރެޒިލްގައި މަރުވި މީހެއްގެ ޖަނާޒާ ބާއްވަން ދަނީ
ކޮވިޑް-19 ޖެހިގެން ބްރެޒިލްގައި މަރުވި މީހެއްގެ ޖަނާޒާ ބާއްވަން ދަނީ
ރޮއިޓަރސް
ކޮވިޑް-19 ބްރެޒިލްގެ ހާލަތު
ބްރެޒިލްގައި އެންމެ ގިނަ އަދަދަކަށް ވައިރަސް ޖެހިގެން މީހުން މަރުވީ އިއްޔެ
ބްރެޒިލްގައި މިހާތަނަށް އައިއިރު ވައިރަސް ޖެހިފައިވަނީ 310,087 މީހުންނަށް
ވައިރަސް ކޮންޓްރޯލް ކުުރުމަށް އެގައުމުގެ ރައީސް ޖައި ބޮލްސޮނާރޯ ގެންގުޅުއްވާ ސިޔާސަތުތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ
ބޮލްސޮނާރޯ އާއި ބްރެޒިލްގެ އެކި ސްޓޭޓްތަކާއި ސިޓީތަކުގެ މޭޔަރުންނާއި ގަވަރުނަރުންނާއި އޮތް ގުޅުންވެސް ވަނީ ހީނަރުވެފަ

ބްރެޒިލްގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ދުވަހަކީ ބުރާސްފަތި ދުވަސް (އިއްޔެ) ކަމަށާއި އެދުވަހު އެކަނި 1,188 މީހުން ވައިރަސް ޖެހިގެން މަރުވިއިރު އަލަށް ވިހިހާހަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ބްރެޒިލްގައި މިހާތަނަށް އައިއިރު ވައިރަސް ޖެހިފައިވަނީ 310,087 ( ތިން ލައްކަ ދިހަ ހާސް އަށްޑިހަ ހަތް) މީހުންނަށެވެ. މިވަގުތު ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނަ އަދަދަކަށް މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓުކުރަމުން އަންނަ ގައުމަކީ ބްރެޒިލް އެވެ. ދެ ވަނަ އަށް އެންމެ ގިނަ އަދަދަކަށް މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓު ކުރަމުން އަންނަ ރަޝިޔާގައި ވައިރަސް ޖެހިފައި ވަނީ 317,554 (ތިން ލައްކަ ސަތާރަ ހާސް ފައްސަތޭކަ ފަންސާސް ހަތަރު) މީހުންނަށެވެ. އެހެންކަމުން ބްރެޒިލްގެ މިހާރުގެ ހާލަތަށް ބަލާއިރު ދެ ވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިފައިވާ ގައުމަށް ބްރެޒިލް ވަރަށް އަވަހަށް އަރާނެ ކަމަށް މާހިރުން ބުނެ އެވެ.

ބްރެޒިލްގައި ހަލުވިކަމާއެކު ވައިރަސް ފެތުރެމުން ދާއިރު ވައިރަސް ކޮންޓްރޯލް ކުުރުމަށް އެ ގައުމުގެ ރައީސް ޖައި ބޮލްސޮނާރޯ ގެންގުޅުއްވާ ސިޔާސަތުތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒު ވެފައެވެ. ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ނުވާތީ އެ ގައުމުގެ އިގްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު ރައީސަށް އަންނަ އިންތިޚާބު ކާމިޔާބު ވުމާމެދުވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ބޮލްސޮނާރޯ ވަނީ ވައިރަސް އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަމަށްވާ އިޖުތިމާޢީ ގައިދުރުކަން ގެންގުޅުންފަދަ ކަންކަމަށް ތަކުރާރުކޮށް ދެކޮޅު ހައްދަވާ އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި ސިއްހީ މާހިރުން އެ ބޭހެއް ބޭނުންކުރުން ރަނގަޅުނޫން ކަމަށް އިރުޝާދު ދެމުން ގެންދަވާ އެންޓި މެލޭރިޔާ ބޭސް ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ބޭނުންކުރުމަށް ތަކުރާރުކޮށް ގެންދަވަނީ އިރުޝާދު ދެއްވާ އެމަގަށް ކަންކުރެއްވުމަށް ބާރު އަޅުއްވަމުންނެވެ.

އެއާއެކު ބޮލްސޮނާރޯ އާއި ބްރެޒިލްގެ އެކި ސްޓޭޓުތަކާއި ސިޓީތަކުގެ މޭޔަރުންނާއި ގަވަރުނަރުންނާއި އޮތް ގުޅުންވެސް ވަނީ ހީނަރުވެފަ އެވެ. ބޮލްސޮނާރޯ ގެންދަވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ލޮކްޑައުން ކުރުމާވެސް ދެކޮޅު ހައްދަވާ ގައުމުގެ އިގްތިޞާދު ހިންގުން މާ މުހިންމު ކަމަށް ވިދާޅުވަމުންނެވެ.

ބޮލްސޮނާރޯ ވިދާޅު ވެފައިވަނީ ބުރާސްފަތި ނުވަތަ ހުކުރު ދުވަހު ވައިރަސް ބޮޑަށް ފެތުރިފައިވާ ސްޓޭޓުތަކާއި ސިޓީތަކަށް އެހީތެރިވުމަށް 10.72 ބިލިއަން އެމެރިކާ ޑޮލަރުގެ ޕްރޮގުރާމެއް ފެއްޓެވުމަށް ހުއްދަ ދެއްވާނެ ކަމަށެވެ. އެހެންނަމަވެސް ބޮލްސޮނާރޯ ވަނީ ޕަބްލިކް ސެކްޓަރގެ މުސާރަތައް ބޮޑުކުރުން މަޑުޖައްސާލަން ގަވަރުނަރުން ކިބައިން އެދިވަޑައިގަންފަ އެވެ.

އެހީގެ ޕެކޭޖްތައް ދޫކުރުމުގެ ކުރިން ޕަބްލިކް ސެކްޓަރގެ މުސާރަތައް ކުރިޔަށް އޮތް ދެ އަހަރު ދުވަހު ގަނޑުކޮށްފައި ބެހެއްޓުމަށް ބޮލްސޮނާރޯ ބޭނުންފުޅުވެ ވަޑައިގަންނަވަ އެވެ.

ބޮލްސޮނާރޯގެ ތާއީދު ގެއްލިގެންދާ މައުޟޫއަށް ވާހަކަ ދައްކަވަމުން ވިދާޅުވީ އާންމުކޮށް ސިޔާސީ މީހުން އޮފީހާ ހަވާލުވާތާ އަހަރަކަށްވުރެ ގިނަ ވުމުން އެމީހުންގެ ތާޢީދު ކުޑަވާކަމަށެވެ.

- ކޮމެންޓް